ގއ. މާމެންދޫން މިއަދު ހެނދުނުން ފެށިގެން ކަރަންޓު ކެނޑުނުގޮތަށް އަދިވެސް ކަރަންޓު ލިބިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ މިއަދު ހެނދުނު 9:00 އެހައިކަންހާއިރު މުޅި ރަށުން ކަރަންޓު ކެނޑުނީ އެރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންއަންނަ ދެ ޖަނަރޭޓަރުގެ ތެރެއިން 200 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އާބާދީގައި 1500 އަށްވުރެ ގިނަ މީހުން އުޅޭ މާމެންދުއަށް މިހާރު ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ 120 ކިލޯ ވޯޓުގެ އެންމެ ޖަނެރޭޓަރަކުންނެވެ.
"މިހާރު ކުޑަ ޖަނަރޭޓަރުން ކަރަންޓު ދެވުނު ވަރަކަށް ދެމުން މި އަންނަނީ. ރަށުގެ އެއްބަޔަކަށް ދީފައި 45 މިނެޓެއްހާއިރު ފަހުން އެބައިން ކަރަންޓު ކަނޑާލައިފަ ރަށުގެ އަނެއް ބަޔަށް އަނެއްކާވެސް ކަރަޓު ދެމުން މި އަންނަނީ،" ޒައީމް ވިދާޅުވިއެވެ.
މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނީ އޯވަހޯލް ކުރުމަށް ޖަނެރޭޓަރެއް ރޫޅާފައި ހުންނަތާ ދެމަހާ ކައިރިވެއްޖެ ކަމަށާއި އަދިވެސް އޯވަހޯލްކޮށް ނުނިމޭ ކަމަށެވެ.
އޭނާ ބުނީ ހަފްތާއަކު ތިން ދުވަހަކު ކަހަލަގޮތަކަށް ރަށުގެ އެކި ސަރަހައްދުތަކުން އެކި ވަގުތު ކަރަންޓު ކެނޑެމުން އަންނަ ކަމަށެވެ.
"ބައެއް ފަހަރަށް ކުރިން އަންގާލުނާ ވެސް ކަރަންޓު ކަނޑަމުންދާކަން ވެސް ފާހަގަކުރެވޭ،" އޭނާ ކިޔައިދިނެވެ.
ފެނަކަ ކޯޕަރޭޝަންގެ ރީޖިނަލް އެކްޒެކްޓިވް މުހައްމަދު ނައީމް ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އާ ސްޓާޓީން މޯޓަރެއް ފްލައިޓުން އެރަށަށް ފޮނުވާފައިވާ ކަމަށެވެ.
ނައީމް ވިދާޅުވީ ސްޓާޓިން މޯޓަރު އެރަށަށް ގެންދެވުނުހާ އަވަހަކަށް ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެކަމަށެވެ.