ޑަވިންޗީގެ އަގުބޮޑު ކުރެހުން ބައްލަވައިގަތީ ވަލީއަހްދު ނޫންކަމަށް ސައުދީން ބުނެފި

ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ، އިޓަލީގެ ލިއޮނާރޑޯ ޑަ ވިންޗީ ކުރަހާފައިވާ ތަސްވީރެއް ކަމަށްވާ، "ސަލްވެޓަރ މުންޑީ" 450 މިލިއަން ޑޮލަރު"ގެ ދުނިޔޭގެ ރެކޯޑް އަގަކަށް ބައްލަވައިގަތީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ނޫންކަމަށް ސައުދީން ބުނޭ-- ފޮޓޯ: ރޮއިޓަސް

ކުރީޒަމާނުގެ މަޝްހޫރު ކުރެހުންތެރިޔާ، ލިއޮނާރޑޯ ޑަ ވިންޗީގެ ކުރެހުމެއް ކަމަށްވާ "ސެލްވެޓަރ މުންޑީ"، ނީލަމެއްގައި ދުނިޔޭގެ ރެކޯޑް އަގަކަށް ބައްލަވައިގަތީ ސައުދީ ވަލީއަހްދު މުޙައްމަދު ބިން ސަލްމާން ކަމަށް ދެކެވޭ ވާހަކަތައް ސައުދީން ދޮގުކޮށްފިއެވެ.

މީލާދީ ގޮތުން 1500ގެ އަހަރުތަކުގެ ތެރޭގައި އިޓަލީގެ މަޝްހޫރު ކުރެހުންތެރިޔާ ލިއޮނާރޑޯ ކުރަހާފައިވާ އެ ތަސްވީރު، ދުނިޔޭގެ ރެކޯޑް އަގަކަށް، (450 މިލިއަން އެމެރިކާ ޑޮލަރު) މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނީލަމެއްގައި ވިއްކާލައިފައެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ބުނާގޮތުގައި ބޮޑުއަގެއްގައި އެ ތަސްވީރު ބައްލަވައިގަތުމުގައި ސައުދީ ވަލީއަހުދުގެ ހިއްސާއެއް ވެއެވެ.

ވޯލްސްޓްރީޓް ޖާނަލްގެ ތުހުމަތުތަކަށް ރައްދުދީ، ވޮޝިންގޓަން ޑީސީގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، "އެ ކުރެހުމަކީ އެކުވެރި އަރަބި އިމާރާތް 'ޔޫއޭއީ'ގައިހުންނަ ލުވްރު އަބޫދާބީގައި ބެހެއްޓުމަށް، އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ކަލްޗަރ އިން ގަނެފައިވާ ކުރެހުމެއް،" ކަމަށެވެ.

މިކަމާ ގުޅިގެން އެ ނީލަން ބޭއްވި، އޮކްޝަން ހައުސް ކްރިސްޓީއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

"ލިއޮނާރޑޯ ޑަ ވިންޗީގެ ސަލްވެޓަރ މުންޑީ، އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ކަލްޗަރއިން ގަނެފައިވާކަން، ކްރިސްޓީއިން ޔަގީންކޮށްދެން،" ކްރިސްޓީގެ ބަޔާނުގައިވެއެވެ.

"މި އަގުބޮޑު ތަސްވީރު، ލުވްރު އަބޫދާބީގައި އާންމުންނަށް ފެންނާނޭ ގޮތަށް ބެހެއްޓުން ވެގެންދާނީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް."

މީގެ އިތުރުން މި ތަސްވީރު ގަތުމުގައި ވަލީއަހުދު މުޙައްމަދުގެ އެއްވެސް ބައިވެރިވެވަޑައިގަތުމެއް އޮތްތޯ، ފޯބްސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން، ކްރިސްޓީއިން ބުނެފައިވަނީ، "ތިކަމާ ގުޅިގެން އަހަރެމެންގެ ބަޔާނަށް އިތުރުކުރާނޭ ވާހަކައެއް ނެތް،" ކަމަށެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ނިއުޔޯކް ޓައިމްސުން ރިޕޯޓުކޮށްފައި ވާގޮތުން އެ ތަސްވީރު އަގުބޮޑުކޮށް ނީލަމުގައި ބައްލަވައިގަތީ ސައުދީ ޕްރިންސެއްކަމަށްވާ، ބާދުރުއެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ވޯލްސްޓްރީޓް ޖާނަލުން ބުނީ، ހަގީގަތުގައި އެ ތަސްވީރު ބައްލަވައިގަތީ ވަލީއަޙްދު ކަމަށާއި ޕްރިންސް ބާދުރުއަކީ ވަލީއަހްދުގެ ޕްރޮކްސީއެއް ކަމަށެވެ.

މިކަމާގުޅިގެން ސައުދީ އެމްބަސީން އޭރު ބުނެފައިވާކަމަށް ފޯބްސްއިން ބުނީ، ޕްރިސް ބާދުރަކީ ލުވްރު އަބޫދާބީގެ ވަރަށް ގާތް ސަޕޯޓަރެއް ކަމަށާއި އަދި ނޮވެމްބަރު 8 ވަނަ ދުވަހު، އެ އޮކްޝަނަށް އޭނާ ވަޑައިގެންނެވުމުން، ވަގުތީގޮތުން އެ ގަންނަފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށް އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ކަލްޗަރއިން އެދިފައިވާ ކަމަށެވެ.

ވޯލްސްޓްރީޓް ޖާނަލްއިން ބުނެފައިވާގޮތުން، ޕްރިންސް ބާދަރުއަކީ ވަލީއަހްދު މުޙައްމަދުގެ ވަރަށް ގާތް އެކިވެރިއެކެވެ. އަދި އެ ދެބޭފުޅުންނަކީ ވިޔަފާރިއާއި ޗެރިޓީ އިވެންޓުތަކުގައިވެސް އެކުގައި މަސައްކަތްކުރައްވާފައިވާ ދެބޭފުޅުންނެވެ.

މިފަދަ އަގުބޮޑު ކުރެހުމެއް ބައްލަވައިގަތްކަމުގައި ސައުދީ ވަލީއަހްދުގެ ބައިވެރިވުމެއް އޮތްކަމަށް އަޑުފަތުރާފައި މިވަނީ، ސައުދީ އެންޓި ކޮރަޕްޝަން ކޮމިޝަނުން، ކޮރަޕްޝަންގެ މައްސަލަތަކެއްގައި 376 ބޭންކް އެކައުންޓް ފްރީޒްކޮށް، 159 ފަރާތެއް ހައްޔަރުކުރި ދަނޑިވަޅާ ދިމާކޮށެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ހަތަރު ބިލިއަނަރުން ހިމެނެއެވެ. އޭގެ ތެރޭގައި ޕްރިންސް އަލް ވަލީދު ބިން ޠަލާލާއި، ސައުދީ އިތިއޮޕިއަން އިންވެސްޓަރ މުޙައްމަދު އަލް އަމޫދީއާއި ޞާލިޙް ކާމިލްގެ އިތުރުން މަހުޖަނު ފަވާޒް އަލްޚައިރު ހިމެނެއެވެ.

comment ކޮމެންޓް