ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ސޯސަން ވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) މެދުވެރިކޮށް ލަންކާގެ ސްޕެކްޓްރަމް ކޮލެޖްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހެޔޮއަގުގައި ކިޔެވޭނޭ އިންތިޒާމްތަކެއް ހަމަޖައްސައިފިއެވެ.
ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހެޔޮ އަގުގައި ކިޔެވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިވެހި އެމްބަސީއާ ސްޕެކްޓްރަމް ކޮލެޖާ ދެމެދު ވަނީ މެމޮރެންޑަމް އޮފް އިންޑަރސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއި ކޮށްފައެވެ.
މިއެމްއޯޔޫގައި ސޮއިކުރުން އޮތީ މިއަދު ހަވީރު އެމްއީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ހުސައިން ޝަރީފެވެ. އަދި ސްޕެކްޓްރަމް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޗެއާރމަން ޑޮކްޓަރ ޝަރްފްރާޒް އާޒާދެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަދި މީޑިއާ އޮފިޝަލް ހުސައިން މާޒިން ސަންއަށް ވިދާޅުވީ، ސްޕެކްޓްރަމް ކޮލެޖާ އެމްބަސީއާ ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ދިވެހިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 މަސް ދުވަހު އެމްއީސީސީ މެދުވެރިކޮށް ސްޕެކްޓަރްމް ކޮލެޖަށް ވަންނަން ހުށަހަޅާ ފަރާތްތަކަށް އެޑްމިޝަން ފީން %75 ޑިސްކައުންޓް ލިބޭނެ. އޭގެ ފަހުން ކުރިއަށްއޮތް 9 މަސް ދުވަހުތެރޭގައި އެމްއީސީސީ މެދުވެރިކޮށް ސްޕެކްޓަރްމް ކޮލެޖަށް ވަންނަން ހުށަހަޅާ ފަރާތްތަކަށް އެޑްމިޝަން ފީން %50 ޑިސްކައުންޓް ލިބޭނެ،" މާޒިން ވިދާޅުވިއެވެ.
މާޒިން ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކުވެސް، ޚާއްޞަ އެހީއަށް ބޭނުންވާ ދިވެހި ދަރިވަރަކަށް ސްޕެކްޓްރަމް ކޮލެޖުން ސްކޮލަރޝިޕެއް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ.
"މީގެ އިތުރުން ސްޕެކްޓްރަމް ކޮލެޖްގައި ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ހިމަނައި، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މިންގަޑަށް ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ދިވެހި މާއްދާ އެކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންވާ އެހީތެރިކަން އެމްއީސީސީއިން ފޯރުކޮށްދިނުންވެސް ހިމެނޭ،" އެމްބަސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސްޕެކްޓްރަމް ކޮލެޖަކީ ނާސަރީން ފެށިގެން އޭލެވެލްއާ ހަމައަށް ކަޔަވައިދޭ އިންޓަރނޭޝަލް ކޮލެޖެކެވެ. އަދި އެކޮލެޖުގެ ފަރާތުން އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް އެޑެކްސެލްއާއި ކެމްބްރިޖް އިމްތިޙާން ގައިވެސް ބައިވެރިވެއެވެ.