ޓީސީ އޭއެފްސީ ކަޕަށް- ޅަ ކްލަބަކަށް ވިޔަސް ބޮޑެތި ކްލަބުތަކަށް ބޮޑު ނުރައްކަލެއް!

މިސީޒަނުގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު، ޓީސީގެ އިބްރާހީމް ވަހީދު(އިއްބެ)، އިބްރާހިމް މަހުދީ(ފޭދޫ އިއްބެ) އަދި ނާއިޒް ހަސަން(ދާދު) އުފާފާޅުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ޓީސީ ސްޕޯޓްސް ކްލަބަކީ މިހާރު ރާއްޖޭގައި އެންމެ ނަން ހިނގާ އެއް ފުޓުބޯޅަ ޓީމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ހޯދި ކްލަބަކީ ޓީސީއެވެ.

ޓީސީން ވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން ކުޅުނު ދެ މުބާރާތް ފިޔަވައި ދެން ކުޅުނު ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދައިފައެވެ. މިއަހަރުގެ ކުރީކޮޅު ބަނގުލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޓީސީން ކާމިޔާބު ކުރުން ވެގެންދިޔައީ ރާއްޖޭގެ ކުލަބަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ އަށެވެ. މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުރީ އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މިއަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޓީސީއަށް ކާމިޔާބުކޮށްދިން ކޯޗު ނިޒާމްބެ(ކ)، ރައީސް ޔާމީން(ވ)އާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ ރައީސް އޮފީސް

ދެހާސް ސާދަ ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ޓީސީ ޕްރޮމޯޓްވި ހިސާބުން ފެށިގެން އެ ޓީމަށް އިރުޝާދުދެމުންދާ ނިޒާމްބެގެ ކޯޗު ކަމުގެ ދަށުން އަހަރުން އަހަރަށް ޓީމު އައީ ވަރުގަދަ ވަމުންނެވެ. މަޝްހޫރު، މަދު ކުޅުންތެރިންނާ އެކު ޓީސީން ހޯދަމުން އަންނަ ކާމިޔާބީތައް ނިޒާމްބެ ސިފަކުރަނީ ފެށުމެއްގެ ގޮތުގައެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ފަދަ ދިވެހި ފުޓުބޯޅަ ތާރީހުގައި ނަން ފަވާލެވިފައިވާ ޓީމުތައް ފަހަތަށް ޖައްސާލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޓީސީން ދިޔައީ އެ ކްލަބުތައް ފަހަތަށް ޖައްސާލައި އެންމެ އުހުގައި ފިިޔަޖަހަމުންނެވެ. ޅަ ޓީމަކާ އަޅާ ބަލާއިރު ޓީސީގެ ކާމިޔާބީތައް ދިވެހި ފުޓުބޯޅަ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ކަމާ މެދު ޝައްކެއް ނުކުރެވެއެވެ.

މިއަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް ކަޕްގައި ޓީސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެ ކްލަބުގެ ކޯޗު ނިޒާމްބެ ވާހަކަދައްކަނީ --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސީޒަނުގައި ޓީސީގެ ޖާޒީގައި ތަފާތު ދެއްކި އަލީ ފާސިރު (ސެންޓޭ)، އެ ކްލަބު ދޫކޮށް ދިޔަ ނަމަވެސް ޖެހިޖެހިގެން ދެ ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައި، ޓީސީން މިވަނީ ދިވެހި ތާރީހު ފޮތުގެ އިތުރު ޞަފުހާއަކުން ނަން ފަވާލައިފައެވެ. ކޯޗު ނިޒާމްބެ މިވަނީ ކާމިޔާބީ އަކީ އެކަތިގަނޑަކަށް ވެގެން ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ލިބޭނެ އެއްޗެއްކަން ދައްކައިދީފައެވެ.

"ސަން ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ދިއުމަކީ މުޅި ޓީމަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އެ ހިސާބަށް ވާސިލްވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރީ ޓީމުގެ ކުޅުންތެރިންނާއި ކްލަބުގެ މެނޭޖްމަންޓުން ކަމަށެވެ.

"މި ލެވެލްގައި ތިން ވަނަ އަހަރު މި ހިސާބަށް އާދެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މެނޭޖްމަންޓުގެ ބުރަ މަސައްކަތް. އެކަމާ ވަރަށް އުފާ ކުރަން. މިހާ ޅަ ޓީމެއް ކުރު މުއްދަތެއްގެ ތެރޭ އޭއެފްސީ ކަޕުން ޖާގަ ހޯދުމަކީ ބޮޑު ކުރިއެރުމެއް. އެކަމަށް އަހަރެން ވަރަށް ފަހުރުވެރިވަން. ބޭނުންވަނީ މިގޮތުގައި ޓީސީ ދެމި އޮންނަން،" ނިޒާމްބެ ބުންޏެވެ.

މިއަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް ކަޕްގައި ޓީސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ނިޒާމްބެ ބުނިގޮތުގައި، ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީއްސުރެ އެއް ފެންވަރެއްގައި ހިފެހެއްޓުމުގެ ސިއްރަކީ އެއް އާއިލާއެއްގެ ގޮތުގައި ކުލަބުން ކުރާ މަސައްކަތެވެ. އަދި ޓީސީގެ ކާމިޔާބީގެ ފަހަތުގައި ކްލަބުގެ މެނޭޖްމަންޓުން ވެސް ކުރާ މަސައްކަތް އޭނާ ފާހަގަކުރި އެވެ.

ލިމިޓެޑް ބަޖެޓަކާ އެކު ވާދަކޮށް ލީގުގެ ދެ ވަނައިގައި އޮވެ ނިންމާލެވުމުން ހިތްހަމަޖެހުން ލިބުނު ކަމަށް ނިޒާމްބެ ގަބޫލުކުރެ އެވެ. އަދި ޓާގެޓަކީ އަންނަ އަހަރު މިއަށްވުރެ ނަތީޖާ ރަނގަޅު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް ކަޕްގައި ޓީސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މި ސީޒަންގައި ޓީސީން ތައްޓެއް ހޯދުމުގެ އަޒުމުގައި އަންނަ ބުދަ ދުވަހު އެފްއޭ ކަޕްގެ ފައިނަލަށް ނުކުންނާނެ އެވެ. އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ނުކުންނަން ޖެހޭނީ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ނިޒާމްބެ ގަބޫލުކުރާގޮތުގައި، ޓީސީއަށް ބަލި ނުކުރެވޭވަރުގެ ޓީމެއް ނެތެވެ. މިވަގުތު ޓީސީގެ ހަމައެކަނި ވިސްނުމަކީ އެފްއޭ ކަޕްގެ ފައިނަލުގައި ނިއު ބަލިކޮށް، ތަށި ހޯދުމެވެ.

"ފޯކަސް ހުރީ އެފްއޭ ކަޕަށް. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އެފްއޭ ކަޕް އުފުލާލުން، އެއީ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ. ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް. ނަމަވެސް ޓީސީ ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ރާއްޖެއަކު ނެތް. ޓީމާ މެދު ވަރަށް ޔަގީންކަން އެބައޮތް." ނިޒާމްބެ ބުންޏެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ އާއި ނިއު ބައްދަލުކުރާ މެޗަކީ ގިނަ ބަޔަކު އިންތިޒާރު ކުރާނެ މެޗެކެވެ. އެ މެޗުން މޮޅުވެ، ޓީސީން ތަށި އުފުލާލާތަން ބަލަން ބޭނުންވާ ސަޕޯޓަރުން ވެސް މަދެއް ނުވާނެއެވެ. ޓީސީން ސީޒަން ފެށީ ތައްޓަކާ އެކު އެވެ. އަދި އެ ކްލަބުން ސީޒަން ނިންމާލަން ބޭނުންވަނީ ވެސް ތައްޓަކާ އެކު އެވެ.

comment ކޮމެންޓް