ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައެޅި ތިން މެމްބަރެއް ސުޕްރީމް ކޯޓަށް

(ކ-ވ): ސިނާން، އިލްހާމް އަދި އަބުޅޯ ---

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ތިން މެމްބަރަކު އީސީގެ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދެވެ.

އެ ތިން މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، އެ ތިން މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ. އަދި އެ ދާއިރާތަކުގެ ބައި އިލެކްޝަން އީސީން އިއުލާނުކޮށްފައި ވާތީ، އެކަން ވެސް ބާތިލުކޮށްދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.

ސިނާން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އަބުޅޯ އާއި އިލްހާމް މައްސަލަ ހުށަހެޅުއްވީ، މިދިޔަ ހަފްތާ ތެރޭގަ އެވެ.

އީސީން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމާ ގުޅިގެން މީގެ ކުރިން ވެސް ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނިންމެވީ އެ މައްސަލާގައި އެ ކޯޓުން ނިންމަން ޖެހޭ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވަނީ 12 މެމްބަަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަން މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.

comment ކޮމެންޓް