އާއިލާ އަށް ތަހައްމަލުވާ ވަރަށް ކުދިން ހޯދަން ޖެހޭ: ރައީސް

މަވެސް ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ--ސަންފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ އާބާދީ އިތުރުވާން ބޭނުންފުޅުވާ ކަމަށާއި އާއިލާތަކަށް ތަހައްމަލުވާ ވަރަކަށް ދަރިން ހޯދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ފަހު "މަވެސް ޕީޕީއެމް" ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އުފަންނުވާ ކުދިންގެ ބޮލުގައި ވެސް މި ސަރުކާރުން ދަރަނި އަޅުވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ އަލަތު ކައިވެނިކުރާ ކުދިން ދަރިން ހޯދުމަށް ފަހަރުގައި ޖެހިލުންވެދާނެ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ އާއިލާތަކަށް ތަހައްމަލު ވާވަރަށް ދަރިން ހޯދުން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ނުވިހާ ކުދިންގެ ބޮލުގައި ވެސް ދަރަނި އެޅޭ ވާހަކަ ބުނީމާ، އަޅުގަނޑަށް ހީވަނީ މިހާރު ޒުވާން "ކަޕުލް"ތައް ބޭނުން ނުވާނެ ހެން ދަރިން ހޯދަކަށް. އެއީ ނުވިހަނީސް މިއޮތީ ދަރިންގެ ބޮލުގައި ދަރަނި އެޅިފައި. އެހެންވީމަ އެއްވެސް މީހަކު ބޭނުމެއް ނުވާނެތާ އެވަރު ކަމެއް ކުރާކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ފަހަތު ފަޔަށް ބަރުވެގެން ދުވަހަކު ވެސް ކުރިއަށް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑު ބޭނުންވޭ ރާއްޖެއަށް އާބާދީއެއް. އަޅުގަނޑު ބޭނުންވޭ ދަރަނި ނަގައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެން. އެހެންވީމާ އާއިލާއަށް ތަހައްމަލުކޮށްލެވޭ ވަރަކަށް ދަރިން ހޯދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަނީ ރައްޔިތުންނަށް ކަންކަން ކޮށްދެން ކަމަށާއި އެ ދަރަނިތަކަކީ މި ސަރުކާރުން ދައްކާނެ ދަރަނިތަކެއް ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރާ ހަމައަށް އައި އިރު 29 ބިލިއަން ރުފިޔާގެ ދަރަންޏެއް ވާރުތަވި ކަމަށާއި އެއީ ހަގީގަތް ކަމަށެވެ. އަދި އެ ދަރަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ މިހާރު ވެސް ދައްކާ ނިންމަވާފައިވާ ކަމަށެވެ.

"މަވެސް ޕީޕީއެމް" ޖަލްސާގައި ވަނީ ޖުމުލަ 2696 މީހަކު އަލަށް ޕީޕީއެމްއާ ގުޅިފަ އެވެ.

comment ކޮމެންޓް