އަލިފުށި ބަލިކޮށް، މަޑަވެލިން ޔުނިޓީ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ހަ ވަނަ ޔުނިޓީ ކަޕްގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ރަޓު ޓީމު --- ފޮޓޯ/ އަރުތަ ސްޕޯޓްސް

ހަ ވަނަ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ގދ. މަޑަވެލި ރަޓު ޓީމުން ހޯދައިފި އެވެ.

އަރުތަ ސްޕޯޓްސް އިންތިޒާމުކޮށްގެން މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން މަޑަވެލި ޓީމުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ރ. އަލިފުށި ފުޓްސަލް ޓީމު ބަލިކޮށްގެންނެވެ.

ހަ ވަނަ ޔުނިޓީ ކަޕްގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ރަޓު ޓީމު --- ފޮޓޯ/ އަރުތަ ސްޕޯޓްސް

އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އެ މެޗުގައި މަޑަވެލީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގާއި އިބްރާހިމް ޝިނާނެވެ. އަލިފުށީގެ ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް މުހައިމިނެވެ. އެ މެޗުން މަޑަވެލި މޮޅުވެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ރ. މާކުރަތުގެ މާކޯ އެފްސީ ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަލިފުށީގެ އިބްރާހިމް ފުރުގާނެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މަޑަވެލީގެ ނާއިފް ޝަފީގެވެ.

ހަ ވަނަ ޔުނިޓީ ކަޕްގެ ރަނަރަޕް އަލިފުށި ފުޓްސަލް ޓީމު --- ފޮޓޯ/ އަރުތަ ސްޕޯޓްސް

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މަޑަވެލީގެ މުހައްމަދު ރަޝީދާއި ޓީމް ތިނަދޫގެ އިބްރާހިމް ޝަނޫނާއި މަޑަވަލީގެ ނާއިފް ޝަފީގާއި އަލިފުށީގެ އަހްމަދު ވިޖުދާން އަދި އެ ޓީމުގެ އިބްރާހިމް ފުރުގާނެވެ.

މުޅި ރާއްޖެ އިން ޖުމްލަ 16 ޓީމެއް ވާދަކުރި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕްކަން ހޯދި އަލިފުށްޓަށް ދީފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް