ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ ޗައިނާއާ އެކު ދިވެހި ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ކެބިނެޓުން ނިންމި ނިންމުމަށް ރުހުން ދިނުމަށް މަޖިލީހަށް ހުށައެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް އެޖެންޑާ ކުރި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ސިއްރުކޮށްފި އެވެ.
ކެބިނެޓުން މިއަދު އެ އެއްބަސްވުން އެކުލަވާލަން ފާސްކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
މިއަދު މެންދުރު 2:45ގައި ފަށަން އޮތް އެ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމީ އެ ބައްދަލުވުން ކަވަރު ކުރަންދިޔަ ބައެއް ނޫސްވެރިން ވެސް މަޖިލީހަށް ދިޔަ ފަހުންނެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 2014 ވަނަ އަހަރު ސަރުކާރުން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށްވަނުމުގެ މަސައްކަތް ފެށި ކަމަށާއި އެފަދަ އެއްބަސް ވުމަކަށް ވަންނަން ނިންމީ 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީ ވަމުން އަންނަ ގައުމަކަށް ދިވެހި ރާއްޖެ ބަދަލުވުމާ ގުޅިގެން ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހަށް ބޭރު ދުނިޔެއިން ޑިއުޓީ ނަގަން ފެށުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.
"މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ތަކްލީފުތަކެއް އުފުލަން ޖެހުނު. ޑިއުޓީ ބޮޑުވުމުގެ ސަބަބުން މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރުމުގެ އަގު ވަރަށް ބޮޑުވެގެން ދިޔަ. އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޔާމީން މި ނިންމެވީ އެންމެ ކުޑަ އަގެއްގައި މަސް ބޭރަށް އެކްސްޕޯޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އެންމެ ރަނގަޅު ހައްލެއްގެ ގޮތުގައި ފެނިގެން ދިޔައީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ތެރެއަށް ވަނުން ކަމަށާއި އެގޮތުގެ މަތިން ގިނަ ގައުމުތަކަކާ އެކު އެފަދަ އެއްބަސްވުމެއް އެކަލަވާލަން މަޝްވަރާ ކުރެވުނު ކަމަށެވެ.
ދެހާސްސާދަ ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މަޝްވަރާތައް ފައްޓައިފަ އެވެ. އެގޮތުން އެ މަޝްވަރާތަކުގެ ހަތް ބުރެއް ރާއްޖޭގައި އަދި ޗައިނާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.