ފުނަދޫގައި މީހުން އާބަދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރަނީ

ށ. ފުނަދޫ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ށ. ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ފުނަދޫ ކައުންސިލުން ނިންމައި، އެ މަސައްކަތްތައް ފަށައިފި އެވެ.

ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރޭނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހަށެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް ފުޅު މިއަދު "ސަން"އަށް ވިދާޅުވީ ފުނަދޫގައި މީހުން އާބަދުވީތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އަހްމަދު ވިދާޅުވީ ކުލަގަދަ ގޮތެއްގައި އެދުވަސް ފާހަގަ ކުރުމަށް މިހާރު ރައީސް އޮފީހާއި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި ރައީސް އޮފީހުން އެކަމަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

"ރައީސް އޮފީހުން މިހާރު ވަނީ އެ ކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައި. މުޅި އަހަރު ދުވަހަށް ދިގު ދެމިގެންދާނެހެން ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައި މިއޮތީ،" އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަހަރު ދުވަހަށް ދެމިގެންދާ ހަރަކާތްތަކަށް 15 މިލިއަން ރުފިޔާ ވަރު ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި އެ އަދަދަށް ބަޖެޓް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދެއްވާފައިވާ ކަމަށެވެ.

"ރަސްމީ ޖަލްސާ އަދި އޮންނާނެ ދުވަހެއް ދަންނަވަން ދަތި. އެހެން ނަމަވެސް އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ. ފަންސާސް އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށްގެންދާނެ ހަރަކާތްތައް މިހާރު ރާވަމުން މި ގެންދަނީ،" އަހްމަދު ވިދާޅުވި އެވެ.

ކުރިން ފަޅު ރަށެއްގެ ގޮތުގައި އޮތް ފުނަދޫގައި މީހުން އާބަދު ކުރެވުނީ ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1968 ވަނަ އަހަރު އެވެ. އެ ރަށުގައި އާބާދުވެފައި ވަނީ 9 ރަށެއްގެ މީހުންނެވެ. އެ ރަށްތަކުގެ ތެރޭގައި ށ. އަތޮޅާއި ނ. އަތޮޅުގެ ރަށްތައް ހިމެނެ އެވެ.

comment ކޮމެންޓް