ރަސްމާލޭން ހިއްކާފައިވާ ބިމުން ބައެއް، އަބޫ ދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް ނުކުންނެވުމަށް، ދައުލަތުން އެކި ފަންތީގެ ޝަރަފުތައް އަރުވާފައި ތިއްބެވި ބޭފުޅުންނަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވަނީ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލުމަކީ ޚިޔާނާތެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމާ ދެކޮޅަށް ތެދުވުން އެއީ ގައުމުގެ ހައްގުގައި ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
https://x.com/prz_ymn/status/2126896633443205436
ދައުލަތުގެ ޢިއްޒަތް އަރުވައިފައިވާ ބޭފުޅުން ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އަޑުއުފުއްލަވަން ނުކުމެވަޑައިގަތުމަށް ޔާމީން ގޮވައިލައްވައިފައިވާއިރު، ކުރީގެ މިނިސްޓަރުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ އިތުރުން، މިހާރުގެ މަޖިލިސް މެންބަރުންނާއި ސިޔާސީ އެކި ބޭބޭފުޅުން ދަނީ އެ މަޝްރޫއާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ.
ރައީސް ޔާމީން މިއަދު މިފަދައިން ގޮވާލައްވާފައިވާއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ މި މަޝްރޫއު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ 95 ޕަސެންޓު މީހުން ވޯޓުލާނީ މަޝްރޫއާ ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ބިމުގައި ބޭރު މީހުން ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ދޭން އުޅޭ ފްރީހޯލްޑަކީ 99 އަހަރުން އަނެއްކާވެސް 99 އަހަރަށް ދެމިގެންދާ ގޮތަށް ބޭރު މީހުން ދާއިމީކޮށް ވަޒަންވެރިކުރުވުމުގެ އަމާޒުގައި ހިންގާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ބިމުން ބައެއް ކަނޑައި، ގާނޫނާ ޚިލާފަށް ދޫކުރަމުންދާއިރު އެކަމުގައި ބަސްނުބުނެ އަދި އެކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވާ ކޮންމެ މީހަކީ އެ ކުށުގައި ބައިވެރިވާ މީހެއް ކަމަށް ވެސް ޔާމީން މީގެ ކުރިން ސިފަކުރައްވާފައިވެއެވެ.