ބޮލީވުޑުގައި ހޭދަވި ފަސް އަހަރު ދުވަހުގެ ތެރޭގައި އަދި މިހާތަނަށް ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ނުޖެހޭ ކަމަށް ބަތަލާ ސަނީ ލިއޯނީ ބުނެފި އެވެ.
ހޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީން އަށް ގިނަ އަދަދެއްގެ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުމާ އެކު، ބޮލީވުޑް ފަންނާނުން ވެސް ވަނީ ފިލްމީ ދާއިރާގައި ދިމާވާ ޖިންސީ ފުރައްސާރަ ކުރުންތަކާ ދެކޮޅަށް އަޑުއުފުލަން ފަށައިފަ އެވެ.
އެގޮތުން ބޮލީވުޑްގައި ވެސް އެތައް ހާވީ ވައިންސްޓީން އެއް އުޅޭ ކަމަށް ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބުނެފަ އެވެ.
ބޮލީވުޑްގައި އޭނާގެ ތަޖުރިބާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ، އޭނާ އާ އެކު އަބަދު ވެސް ފިރިމީހާ ހުންނަ ކަމަށާއި އެފަދަ އެއްވެސް ކަމެއް ދިމާނުވާ ކަމަށެވެ.
ނަމަވެސް ފިލްމީ ދާއިރާގައި ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާ ބައެއް މީހުން އެނގޭ ކަމަށާއި އެކަމާ ދެކޮޅަށް އެންމެން ތެދުވުމަށް ސަނީ ވަނީ ހިތްވަރު ދީފަ އެވެ.
'ރާގިނީ އެމްއެމްއެސް 2'ގެ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމު 'ތޭރާ އިންތިޒާރް' އިން އަރްބާޒް ޚާން އާއެކު އެވެ.