މާޒިޔާ ބަލިކޮށް ޗެމްޕިއަން ނިއުއިން ލީގުގެ އައްޑަނަ އުފުލާލައިފި

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި ނިއު ރޭޑިއަންޑް އާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު 2-3ގެ ނަތީޖާއަކުން ކާމިޔާބް ކޮށް، ނިއު ރޭޑިއަންޑް ވަނީ ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދާފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހްް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް ޗެމްޕިއަން ނިއު ރޭޑިއަންޑުން، ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މި އަހަރުގެ ލީގު ފަހު މެޗުގައި ރެކޯޑު ޗެމްޕިއަން ނިއު އިން މާޒިޔާގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ނިއު އިން ލީގު ނިންމާލާފައި ވަނީ 39 ޕޮއިންޓާއެކުު އެވެ. މާޒިޔާއަށް މިފަހަރު ލީގު ނިންމާލަން ޖެހުނީ 27 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، އެންމެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައި ވަނީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)އަށެވެ. އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ނިއު އިން ވަނީ ލީޑު ނަގާފައެވެ. އެ ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޓީމަށް ފަހު މެޗު ކުޅެދިން އަދްރިއަން ގަލާޑޯ އެވެ. ގޯލު ކުރިމަތިން ހުރަސްވި ބޯޅަ އޭނާ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކު އެވެ.

ނިއުގެ ދެ ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ޖެހީ ދަގަނޑޭ އެވެ. ހާފުގެ މެދުތެރެއިން ދަގަނޑޭއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އޭނާ ވަނީ ކީޕަރު މަހުމޫދަށް އެއްވެސް ފުރުސަތެއް ނުދީ ގޯލަށް ވައްދާލާފައެވެ.

ހަ ވަނަ ފަހަރަށް ލީގު ހޯދުމާ އެކު ތާރީޚުގެ ތެރެއަށް ނިއު ވަންނަނީ އެންމެ ގިނައިން ލީގު ހޯދި ޓީމުގެ ގޮތުގަ އެވެ. ލީގު މިހާތަނަށް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް ގާއިމް ކުރަމުން އައީ ނިއު އާއި ވެލެންސިއާ އިންނެވެ. އެ ދެ ޓީމު ވެސް ވަނީ ކުރިން ފަސް ފަހަރު ލީގު ހޯދައިފަ އެވެ.

comment ކޮމެންޓް