ފިރިހެން ބައިގެ ޗެމްޕިއަންކަން ފާއިހު އަށް، އަންހެން ބައިގެ ޗެމްޕިއަންކަން އިރުފާ އަށް

48 ވަނަ ނިޕޯން ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އަބްދުﷲ ފާއިހް-- ސަންފޮޓޯ/ ފަޔާޒު މޫސާ

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި 48 ވަނަ ނިޕޯން ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ފިރިހެން ބައިގެ ޗެމްޕިއަންކަން އަބްދުﷲ ފާއިހު ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން އައިމިނަތު އިރުފާ ހޯދައިފިއެވެ.

އެސްޓީއޯ އިން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެ މުބާރާތުގައި ތަފާތު އެކި އުމުރުފުރާތަކުން ޖުމްލަ 94 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

48 ވަނަ ނިޕޯން ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް އަންހެން ބައިގެ ފައިނަލް މެޗުގެ ތެރެއިން-- ސަންފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 17 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ވަނީ ކުޅެވިފައެވެ. އެގޮތުން މެންސް އޯޕަން ސިންގަލްސްގެ ފައިނަލުގައި ވާދަ ކުރީ ފާއިހް އާއި ސާއި ވަހީދު އެވެ. މި މެޗު 5-7، 4-6 އިން ކާމިޔާބު ކޮށް ޗެމްޕިއަންކަން ހޯދީ ފާއިހު އެވެ.

ވުމެންސް އޯޕަން ސިންގަލްސް ބައިގެ ޗެމްޕިއަންކަން އިރުފާ ހޯދީ ފައިނަލުގައި މަރިޔަމް ހަޝްނާ ހާޝިމް އާ ވާދަކޮށް 2-6، 4-6 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

48 ވަނަ ނިޕޯން ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ފިރިހެން ބައިގެ ފައިނަލް މެޗުގެ ތެރެއިން-- ސަންފޮޓޯ/ ފަޔާޒު މޫސާ

ބާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ފައިނަލުގައި އައިޝަތު ތާރާ ނައީމް އާއި ލަޔާން މުހައްމަދުު ޝާމިން ބައްދަލު ކުރި މެޗު 2-4، 2-4 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ތާރާ އެވެ.

ކާމިޔާބު ކަމާއެކު ކުރިއަށް ދިޔަ އެ މުބާރާތުގައި ތަފާތު އެކި ކެޓަގަރީތަކުގެ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ސިންގަލްސް އިވެންޓާއި ޑަބަލްސް އިވެންޓުގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓުގެ ކުޅުން ހިމެނެއެވެ.

comment ކޮމެންޓް