ރަޝިއާގެ ޓެނިސް ތަރި މެޑްވެޑޭވް: އޭޓީޕީ ފައިނަލްސްއިން ޖާގަ ނުލިބިއްޖެޔާ އަންނާނީ ޗުއްޓީއަށް ރާއްޖެއަށް

މި ސީޒަނުގެ އޭޓީޕީ ފައިނަލްސް ކުޅޭ އިޓަލީގެ ޓިއުރިންއިން ޖާގަ ނުލިބުނު ކަމުގައި ވިޔަސް، ޗުއްޓީ ހޭދަކޮށްލަން ދިވެހިރާއްޖެ ވެސް ވަރަށް ހިތްގައިމު ކަމަށް ބުނެ ރަޝިއާގެ މަޝްހޫރު ޓެނިސް ތަރި ޑެނީލް މެޑްވެޑޭވް "ޖޯކެއް" ޖަހައިފިއެވެ.

މެޑްވެޑޭވް މިހެން ބުނީ ޗައިނާގައި މިހާރު ކުރިއަށްދާ ޝަންހާއީ މާސްޓާސް 1000 ޓެނިސް މުބާރާތުގެ ގަދަ 16 ގެ ބުރުގައި، ގްރީސްގެ ސްޓެފަނޯސް ސިސިޕާސްއާ ވާދަކޮށް ސީދާ ދެ ސެޓުން (6-4، 7-5 އިން) މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، މެޑްވެޑޭވް ވަނީ އޭނާގެ ކުރީގެ މޮޅު ކުޅުން އަލުން ދައްކަން ފަށާފައެވެ. ނަމަވެސް، އަހަރު ނިންމާލުމުގެ ގޮތުން ދުނިޔޭގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ މެދުގައި ޓިއުރިންގައި ބާއްވާ ޝަރަފުވެރި އޭޓީޕީ ފައިނަލްސް އިން އޭނާއަށް އަދި މިހާތަނަށް ޖާގަ ކަށަވަރެއް ނުވެއެވެ.

އެ މުބާރާތުން ޖާގަ ހޯދުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން މެޑްވެޑޭވް ބުނީ، އޭނާގެ އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވެ، އެންމެ މޮޅު ކުޅުން ދެއްކުން ކަމަށެވެ. އަދި އޭޓީޕީ ފައިނަލްސް އަށް ކޮލިފައިވުމަކީ ޕްރެޝަރެއްގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަރެން މި ބަލަނީ އަހަންނަށް ދެއްކޭނެ އެންމެ ރަނގަޅު ކުޅުމެއް ދެއްކޭތޯ. ޓިއުރިން އަށް ދެވިއްޖެއްޔާ ވަރަށް ރަނގަޅު. އެކަމަކު ނުދެވިއްޖެނަމަ، ދިވެހިރާއްޖެ ވެސް ވަރަށް ހިތްގައިމު،" ސީޒަން ނިމުމުން ރާއްޖެއަށް ޗުއްޓީއަށް ދިއުމަށް އިޝާރާތްކޮށް، މެޑްވެޑޭވް ބުންޏެވެ.

މީގެއިތުރުން ސިސިޕާސްއާ ދެކޮޅަށް ކުޅުނު މެޗާ ބެހޭގޮތުން ވާހަކަދައްކަމުން މެޑްވެޑޭވް ބުނީ، މެޗުގެ ފުރަތަމަ ސެޓުގައި އޭނާގެ ފަރާތުން ފެނުނީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށާއި، ދެވަނަ ސެޓު ވާދަވެރިވި ނަމަވެސް އެންމެ މުހިންމު ވަގުތު ނަތީޖާ ނެރެވުނީތީ އުފާކުރާ ކަމަށެވެ. އަދި އޭނާ އެންމެ މޮޅަށް ކުޅޭ ދުވަހެއްގައި އޭނާ ބަލިކުރުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް އުނދަގޫ ކަމަކަށް ވާނެ ކަމަށް މެޑްވެޑޭވް ބުންޏެވެ.

ޝަންހާއީ މާސްޓާސްގެ ކުއާޓާ ފައިނަލުގައި މެޑްވެޑޭވް ވާދަކުރަން ޖެހޭނީ ބެލްޖިއަމްގެ ޒީޒޫ ބާގްސް ނުވަތަ އެމެރިކާގެ ޓޮމީ ޕޯލްއާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް