އެމްއީސީސީގެ ލޯގޯއާއި ޔުނިފޯމް އިފްތިތާހުކޮށްފި

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް، އެމްއީސީސީގެ ޔުނިފޯމާއި، ލޯގޯ އަދި ދިދަ އިފްތިތާހްކޮށްދެއްވަނީ -- ސަން ފޮޓޯ: އެމްއީސީސީ

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި ބޭނުންކުރާނޭ ލޯގޯއަކާއި އެ ސެންޓަރުގެ ދަރިވަރުންނަށް ޔުނީފޯމެއް އިފްތިތާހުކޮށްފިއެވެ.

ސޯސަންވިލާގައި ހުކުރު ދުވަހު ހަވީރު ބޭއްވި، އެމްއީސީސީގެ ދިރާސީ އަހަރު 2017 ނިންމުމުގެ ރަސްމިއްޔާތުގައި އެ ސެންޓަރުގެ ލޯގޯއާއި ޔުނީފޯމް އިފްތިތާހުކޮށްދެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ތައުލީމާއި ޘަގާފީ މަރުކަޒުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ޔުނީފޯމަކާއި ލޯގޯއެއް ތައާރަފްކުރެވިގެން ދިޔައިރު، އެ ހިތްގައިމު ލޯގޯ ފަރުމާކޮށްފައިވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލޯގޯ ފަރުމާކުރި ޑިޒައިނަރު ހ. ބްލޫ ޖޭ ހުސައިން މާޒިންއެވެ.

އެމްއީސީސީގެ ލޯގޯ --- ސަން ފޮޓޯ: އެމްއީސީސީ

ލޯގޯއާއި ޔުނިފޯމްގެ އިތުރުން އެމްއީސީސީގެ ކުޅިވަރު ހަރަކާތްތަކާއި އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނޭ ދިދައެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

އެމްއީސީސީގެ ލޯގޯއާއި ދިދައިގައި ބޭނުންކޮށްފައި ވަނީ، ގަދަ ނޫކުލައާއި މަޑު ނޫކުލައެއްގެ އިތުރުން ހުދުކުލައެވެ.

އެމްއީސީސީގެ ލޯގޯއާއި ޔުނިފޯމް އިފްތިތާހުކޮށްދެއްވުމަށް ފަހު ސަފީރު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، 2018 ވަނަ އަހަރު ދިރާސީ އަހަރު ފެށޭއިރު، އެމްއީސީސީގެ ދަރިވަރުން އެ ސެންޓަރަށް އަންނާނީ އަލަށް ތައާރަފްކުރި ޔުނިފޯމުގައި ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް އެމްއީސީސީގެ ޖަލްސާކުރާ ހޯލް ތަނަވަސްކޮށް ބޮޑުކުރެއްވުން ހިމެނޭކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި އެމްއީސީސީގެ ކަންތަތްތައް ވަރަށް ގާތުން ބައްލަވައި، ހުރިހާ އެހީތެރިކަމެއް ވެދެއްވާ ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއަށާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމަށް ޝުކުރު އަދާކުރެއްވިއެވެ.

އެމްއީސީސީގެ ދިދަ -- ސަން ފޮޓޯ: އެމްއީސީސީ

މީގެ އިތުރުން އެމްއީސީސީއަށް ކިޔެވުމަށް އަންނަ ކުދިންނަށާއި، އެކުދިންގެ ބެލެނިވެރިން، ސެންޓަރުގެ ކްލާސްތަކަށް ކުދިން ގެންނެވުމަށް ކޮށްދެއްވާ މަސައްކަތަކާއި އަދި އެމްއީސީސީގައި މަސައްކަތްކޮށްދެއްވާ ހީވާގި ޓީޗަރުންނަށާއި އެމްބަސީއާއި އެމްއީސީސީގެ މުވައްޒަފުންނަށްގެ ޚިދުމަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

ސަފީރު ވިދާޅުވީ، އެމްއީސީސީއަކީ ދިވެހިރާއްޖެއާއި ކިތަންމެ ދުރުގައި އޮތްތަނެއްކަމުގައިވީނަމަވެސް، ގިނަ ކަންތައްތަކެއް ދިވެހި ސަރުކާރުން ކޮށްދެއްވާފައިވާކަމަށާއި އަދިވެސް ސެންޓަރަށް ދަތިވެފައިވާ ކަންތައްތަކާއި އިތުރު ކުރިއެރުން ހޯއްދަވައިދެއްވުމުށް މަސައްކަތް ކޮށްދެއްވާނެކަމުގައެވެ.

އެމްއީސީސީއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ލަންކާއަށް ކުރެއްވި ޒިޔާރަތެއްގައި، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި އެކަމަށް އެދި ދެންނެވުމުން ގާއިމުކުރި ސެންޓަރެކެވެ.

ލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި، އިސްލާމް އަދި ގުރުއާން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، 20 މާރޗް 2014ގައި ދިވެހި ސަރުކާރުގެ ފަރާތުން ގާއިމުކުރި އެ ސެންޓރުގައި، ކިޔަވައިދިނުމުގެ އިތުރުން ދިވެހި ޒުވާނުންނަށާއި ލަންކާގައި އުޅޭ އެންމެހާ ދިވެހީންނަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭ އެ ސެންޓަރުގައި އެއް ދަންފަޅިއަކަށް ކުލާސްތައް ކުރިއަށްދާއިރު، ރަޖިސްޓްރީ ވެގެން 600 އަށްވުރެ ގިނަ ދަރިވަރުން ތައުލީމުހާސިލްކުރަމުން ދެއެވެ.

comment ކޮމެންޓް