ސްރީ ލަންކާގައި ދިވެހި ސަރުކާރުން ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގެ މިއަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ފައުޒާ ފަހީމް ހޮވިއްޖެއެވެ.
އެމްއީސީސީގެ ދިރާސީ އަހަރު 2017 ނިންމުމުގެ ރަސްމިއްޔާތުގައި، މިއަހަރު އެ ސެންޓަރުގެ ގްރޭޑް 10 ނިންމި ފައުޒާއަށް ވަނީ ޚާއްސަ އެވޯޑް ދީފައެވެ. އެވޯޑް ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމެވެ.
އެމްއީސީސީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވަނީ މިއަހަރު ގްރޭޑް 10 ނިންމައި އެސްއެސްސީ އިމްތިހާން ހެދި 11 ދަރިވަރުންނަށް ސެޓްފިކެޓްވެސް ސެޓްފިކެޓްވެސް ހަވާލުކޮށްފައެވެ.

އެމްއީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތެރޭން -- ފޮޓޯ: އެމްއީސީސީ
ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަދި މީޑިއާ އޮފިޝަލް ހުސައިން މާޒިން ވިދާޅުވީ، އެމްއީސީސީގައި ކިޔަވާ ދަރިވަރުންގެ މުނިފޫހިފިލުވުމުގެ އައިޓަމްތަކާއެކު ސޯސަންވިލާގައި އިއްޔެ ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި، އެ ސެންޓަރުގެ ޔޫކޭޖީން ދަސްވެނިވި ކުދިންނަށް ސެޓްފިކެޓް ހަވާލުކުރުމާއި، ހާޒިރީ އެވޯޑާއި، މާއްދާ އެވޯޑް ދިނުންވެސް އޮތްކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ދިވެހިރާއްޖެއިން ބޭރުގައި މިފަދަ ޚިދުމަތެއް ދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވައި އަދި ތަންފީޒުކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެމްއީސީސީގެ 2017 ވަނަ އަހަރުގެ އިނާމްދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާޙަކަފުޅުދައްކަވަނީ-- ފޮޓޯ: އެމްއީސީސީ
އެމްއީސީސީގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެއިން ބޭރުގައި ދިވެހި ޢާއިލާތައް ދިރިއުޅެމުން ގެންދިޔަ ނަމަވެސް، ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީން ޙިމާޔަތްކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.
އެމްއީސީސީ ކުރިއަރުވައި ތަރައްގީކުރުމަށް، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރު ޒަހިޔާ ޒަރީރާއި މިހާރުގެ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް ކުރައްވާފައިވާ އަދި ކޮށްދެއްވަމުންގެންދަވާ އަގުހުރި މަސައްކަތްތައްޑރ. އައިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ސެންޓަރުގެ ހުރިހާ ޓީޗަރުންނަށާއި، ބެލެނިވެރިންނާއި ކިޔަވާ ދަރިވަރުން ދެއްވާ އެއްބާރު ލެއްވުމަށް އެކަމަނާ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ.

އެމްއީސީސީގެ 2017 ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ބައެއް ދަރިވަރުންނަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ހުސައިން ޝަރީފް އިނާމް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެމްއީސީސީ
އެމްއީސީސީގެ ދިރާސީ އަހަރު 2017 ނިންމުމުގެ ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމްގެ އިތުރުން، ރާއްޖޭން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި އެމްއީސީސީ ހިންގެވުމާ ހަވާލުވެ ހުންނެވި، ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަބްދުއް ރަޝީދު އާދަމް، އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުލް ސައްތާރާއި އެޑިއުކޭޝަން އޮފިސަރ ޒޫޝާން އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއީސީސީގެ 2017 ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭން-- ފޮޓޯ: އެމްއީސީސީ
އެމްއީސީސީގައި، ނާސަރީން ފެށިގެން ގްރޭޑް 10އަކާ ހަމައަށް ކިޔަވައިދެމުން ދާއިރު، މިހާރު އެތަނުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދު 600އަށް ވުރެ ގިނައެވެ.