މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު "މޯލްޑިވްސް ޓްރެވަލް އެވޯޑު 2017" ގެ އެންމެ ފަހު އިވެންޓް ގާލާ އެންޑް އެވޯޑު ހަފްލާއާއެކު ނިންމާލައިފިއެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ އެ އެވޯޑު މީގެ ކުރިން އޮންނަނީ އެންމެ އެޑިޝަނަކަށެވެ. މި އަހަރު އެ އެވޯޑު ތިން އެޑިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމީ، މިދިޔަ އަހަރު ޓްރެވަލް އެވޯޑު ހަފްލާގައެވެ.
އެއީ "ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން" އާއި ޓްރެވަލް އެވޯޑްސްގެ "ގެސްޓް ހައުސް އެޑިޝަން" އަދި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގްރޭންޑް ގާލާ" އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑުގެ އެންމެ ފުރަތަމަ އެޑިޝަން "ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން" ބާއްވައިފަ ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު އަދާރަން ހުދުރަންފުށީ ގައެވެ. އެ އެވޯޑުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން 10 ފަރާތެއް ފާހަގަކޮށް އަގުވަޒަން ކުރުމުގެ އެވޯޑުވަނީ ދީފައެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ދެވަނަ އެޑިޝަން ބާއްވައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މާފުށީގައެވެ. އެ އެޑިޝަނުގައި 15 ފަރާތަކަށް އެވޯޑުދީފައިވާއިރު 96 ނޮމިނޭޝަން ހުށަހަޅާފައިވެއެވެ. އަދި ނޮމިނީޒްއަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި 82000 ވޯޓު އޮންލައިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ލިބިފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ މަޓާޓޯ މޯލްޑިވްސްއިން ބާއްވާފައިވަނީ މިއަހަރުގެ ޓްރެވަލް އެވޯޑުގެ އެންމެބޮޑު އެންމެ ޝަރަފުވެރި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގްރޭންޑް ގާލާ" ހަފްލާއެވެ. ގާލާ އެޑިޝަނުގެ 27 އެވޯޑަކަށް 430 ނޮމިނޭޝަން ހުށަހަޅައި ވޯޓު ލުމަށް ހުޅުވާލި ފުރުސަތުގައި 100000 އަށްވުރެ ގިނަ ވޯޓުވަނީ ލިބިފައެވެ. އެ ހަފްލާ ބާއްވާފައިވަނީ އަދާރަން ހުދުރަންފުށީގައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނިންމާލި މަޓާޓޯއިން މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެވެސް އެތަށް ފަރާތްތަކެއްގެ އެހީތެރިކަން މަޓާޓޯއަށް ލިބިފައިވާކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. އެގޮތުން މިއަހަރުގެ އެވޯޑު ކުރިއަށްގެންގޮސްފައިވަނި ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް އޮންލައިން ޕޯޓަލް ކަމަށްވާ ޓްރިޕް އެޑްވައިޒާ އާއި ގުޅިގެންނެވެ.
މަޓާޓޯ ޓެރެވަލް އެވޯޑަކީ ކާމިޔާބު އެވޯޑަކަށް ހެދުމަށް ބޭރުގެ ގައުމުތަކުގައި އިޝްތިހާރު ކުރުމުގެ ގޮތުން އެ ޖަމްއިއްޔާ އިން ވަނީ އިންޑިއާގެ ޕީއާރު ކުންފުންޏެއްކަމަށްވާ ތިންކް ސްޓްރޯބެރީޒް ކިޔާ ކުންފުންޏަކާ ގުޅިގެން ޓްރެވަލް އެވޯޑު އިޝްތިހާރު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި މި މަހުގައި ލަންޑަންގައި ކުރިއަށްގެންދިޔަ ޑަބްލިއު ޓީއެމް ފެއާގައި ބައިވެރިވެ މަޓާޓޯއިންވަނީ ލަންޑަންގެ މަގުތަކުގައިވެސް ޓްރެވަލް އެވޯޑު އިޝްތިހާރުކޮށްފައެވެ.
މިއަހަރުގެ ޓްރެވަލް އެވޯޑު ރޭގައި ނިންމާލުމުގެ ކުރިން މަޓާޓޯއިންވަނީ އަންނަ އަހަރުގައިވެސް ޓްރެވަލް އެވޯޑު ބާއްވާނެކަން އިއުލާނުކޮށްފައެވެ. އަދި މި އަހަރަށް ވުރެ ފުރިހަމަކަމާއި ކާމިޔާބު ކަމާއެކީގައި އެ އެވޯޑު ހަފްލާވެސް ކުރިއަށްގެންދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.