"ފިއުޗާ ފޭސް އޮފް ދަ އިއާ 2017" ގެ ނަމުގައި އެވޯޑެއް އުރުވަޝީ އަށް

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށްދިޔަ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާރޑްސް ގާލާ 2017 ގައި "ފިއުޗާ ފޭސް އޮފް ދަ އިއާ 2017" އެވޯޑު އުރުވަށީ ރައުޓެލާއަށް ހަވާލްކޮށްދެއްވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އަށް މި އަހަރު ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ބޮލީވުޑް ގެ މަޝްހޫރުތަރި އުރުވަށީ ރައުޓެލާއަށް "ފިއުޗާ ފޭސް އޮފް ދަ އިއާ 2017" ގެ ނަމުގައި ހާއްސަ އެވޯޑެއް ދީފިއެވެ.

ރޭ ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑު ގާލާގައި އުރުވަށީ އަށް އެ އެވޯޑު ހަވާލްކޮށްދެއްވީ މަޓާޓޯގެ ރައީށް އަބްދުﷲ ގިޔާސް އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އުރުވަށީ ވިދާޅުވީ، އެނާ އަކީ އަބަދުވެސް ޓޫރިޒަމް ދާއިރާ މާކެޓް ކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ އަދި އެކަމުގައި ވަރަށް މަސައްކަތް ކުރާ ހިތްވާ މީހެއް ކަމަށެވެ.

2011 ވަނަ އަހަރުގެ "މިސް ޓޫރިޒަމް ވާލްޑް" ގެ ނަން ހާސިލް ކޮށްފައިވާ އުރުވަށީ ވިދާޅުވީ، "ފިއުޗާ ފޭސް އޮފް ދަ އިއާ 2017" ގެ އެވޯޑު މަޓާޓޯގެ ފަރާތުން އޭނާ އަށް ލިބުނީތީ ވަރަށް އުފާ ކުރާކަމަށެވެ. އަދި ކުރިއަށް އޮތް ތާގައިވެސް ޓޫރިޒަމް ދާއިރާ މާކެޓް ކޮށް ކުރިއެރުވުމަށްޓަކައި އެއްބާރުލުން ދެވެން ހުރި މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރުވަށީ ވަނީ ރާއްޖެއަކީ މި ދުނިޔޭގައި އޮތް ހަމައެކަނި ސުވަރުގެ ކަމަށް ސިފަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އައިސް ލިބިގެންދިޔަ ހިތް ހަމަޖެހުމުމާއި އިހުސާސު ބުނެދެން އުނދަގޫ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް ރާއްޖެއަށް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް