ޒިމްބާބުވޭގެ ރައީސްކަމުން މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވި ރޮބާޓް މުގާބޭއާ ދެކޮޅަށް ދައުވާ ނުކުރަން ނިންމައި، މުގާބޭ އާއި އޭނާގެ އަނބިކަނބަލުންނަށް ހިމާޔަތް ދިނުމަށް ޒިމްބާބުވޭގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.
ތިރީސްހަތް އަހަރު ވަންދެން ޒިމްބާބުވޭގެ ވެރިކަން ކުރެއްވި މުގާބޭގެ ވެރިކަން ނިމުމަކަށް އައީ އެގައުމުގެ އަސްކަރިއްޔާ އިން މުގާބޭގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބަޣާވާތެއް ގެނެސްފައިވަނިކޮށެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މުގާބޭ އާއި އޭނާގެ އާއިލާއަށް އެ ގައުމުން އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން އަސްކަރިއްޔާ އިން ވަނީ ދީފައެވެ. މުގާބޭއާ ދެކޮޅަށް ދައުވާ ނުކުރަން ވެސް އަސްކަރިއްޔާ އިން ވަނީ ނިންމައިފައެވެ.
މިކަމާ ގުޅިގެން މުގާބޭގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ މުގާބޭއާ ދެކޮޅަށް ދައުވާ ކުރުމަކީ ޒިމްބާބުވޭގައި ހަމަނުޖެހުންތައް ފެށިގެންދާނެ ކަމެއް ކަމަށެވެ.
ނަވާރަސަތޭކައަށްޓިހަ ވަނަ އަހަރު ޒިމްބާބުވޭ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަމުގައި ހުންނެވީ މުގާބޭއެވެ. މުގާބޭގެ މައްޗަށް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނުބެލުމަށް އޭނާ ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން އަސްކަރިއްޔާ އާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ޝަރުތުކުރައްވާފައެވެ.
މުގާބޭގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނީ ކުރީގެ ނައިބު ރައީސް އެމާސަން މަނަންގާގުވާ އެވެ. އޭނާ މާދަމާ ވެރިކަމުގެ ހުވާ ކުރައްވާނެއެވެ.