ޒިމްބާބުވޭގެ ވެރި ރަށް ހަރާރޭގައި ހަލުއިކަމާއެކު ކޮލެރާ ފެތުރެމުންދާތީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފިއެވެ.
ކޮލެރާ ޖެހިގެން މިހާތަނަށް ގިނަ ބަޔަކު މަރުވެފައިވާއިރު، އިތުރު 7000 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ވަނީ ޝައްކުކުރެވިފައެވެ. އަދި މުޅި ހަރާރޭގައި ފެތުރެމުން އަންނަ މި ބަލިމަޑުކަމާ ގުޅިގެން 2008 ވަނަ އަހަރު އެ ގައުމުގައި ކޮލެރާ ފެތުރި އެތައް ހާސް ބަޔަކު މަރުވި ހަނދާންތައް އަނެއްކާ ވެސް އާވެގެން ގޮސްފައިވާ ކަމަށް ހަރާރޭގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަރާރޭގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެދެމުންނެވެ. ބަލި ކޮންޓްރޯލު ކުރުމަށް އެކަށީގެންވާ މިންވަރަށް އެހީތެރިކަން ލިބެމުން ނުދާކަމަށް ވެސް ހަރާރޭގެ އޮފިޝަލުން ވަނީ ފާހަގަ ކުރައްވާފައެވެ.
ޒިމްބާބުވޭގައި ފާއިތުވި މަސްތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮލެރާގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނީ ސާފު ފެން ނުލިބުމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ ވެރިރަށް ހަރާރޭގެ ކުވަޑްޒާނާ ސަރަހައްދުގައެވެ. ވުޒާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ރިޕޯޓު ކުރަމުން އަންނަ ކޭސްތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި ނިސްބަތް ވަނީ ކުވަޑްޒާނާ ސަރަހައްދަށެވެ.
ކޮލެރާ ޖެހުމަށް މެދުވެރި ވަނީ ވިބްރިއޯ ކޮލެރައޭ ބެކްޓީރިއާ އިން ތަގައްޔަރުވެފައި ހުންނަ ކާބޯތަކެތި ނުވަތަ ފެން ބޭނުން ކުރުމުންނެވެ. ބޭރަށް ހިންގާ ފާހަނާއަށް ދާން ޖެހުން ފަދަ އަލާމާތްތަކެއް ހުންނަ މި ބައްޔަށް ފަރުވާ ދެނީ ގިނައިން ދިޔާ އެއްޗެހި ބޯންދީގެންނެވެ.
ޓައިފޮއިޑްއާއި ކޮލެރާ ފެތުރުމުގެ ސަބަބުން ޒިމްބާބްވޭއިން ވަނީ 2018 ވަނަ އަހަރު ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަވަށްޓެރި މަލާވީ، ދެކުނު އެފްރިކާ އަދި މޮޒަމްބީގްގައި ވެސް ދޭތެރެ ދޭތެރެއިން ކޮލެރާ ފެތުރެއެވެ.