ޒިމްބާބުވޭއިން މަކުނު ވިދުރީގެ ފުރަތަމަ ދެ ކޭސް ރިޕޯޓުކޮށްފި

މަކުނު ވިދުރި ޖެހިފައިވާ މީހެއް. ޒިމްމާބްވޭ އިން މަކުނު ވިދުރީގެ ފުރަތަމަ ދެ ކޭސް ވަނީ ރިޕޯޓުކޮށްފައި. ފޮޓޯ/ރޮއިޓާސް

ޒިމްބާބުވޭގައި މަކުނު ވިދުރީގެ ފުރަތަމަ ދެ ކޭސް ކަށަވަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ނަމަވެސް އެ ދެ ކޭސްއަކީ ކޮން ވޭރިއަންޓެއްގެ ދެ ކޭސް ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ސިއްޚަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ކޭސް އަކީ ދެކުނު އެފްރިކާއަށް ދަތުރުކުރުމަށްފަހު މިދިޔަ މަހު އަލާމާތްތައް ފެނުނު އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖެއްގެ ކޭސްއެއް ކަމަށެވެ. ދެވަނަ ކޭސްއަކީ ޓެންޒޭނިއާއަށް ދަތުރުކުރުމަށްފަހު ބަލިވެ އުޅުނު އުމުރުން 24 އަހަރުގެ ޒުވާނެއްގެ ކޭސްއެކެވެ.

ބަލި ޖެހިފައިވާ ދެ މީހުންވެސް ރަނގަޅުވަމުން އަންނަ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ކޭސްތައް ފެނިފައިވަނީ ވެރިރަށް ހަރާރޭ އާއި ދެކުނުގެ ރަށެއް ކަމަށްވާ އެމްބެރެންގާ އިންނެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި އެފްރިކާގެ އެހެން ގައުމުތަކަށްވެސް މަކުނު ވިދުރީގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އޮގަސްޓް މަހު ވަނީ އާންމު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެއީ ދެ އަހަރު ތެރޭގައި މަކުނު ވިދުރީގެ ސަބަބުން އެ ހާލަތު އިއުލާނުކުރު ދެ ވަނަ ފަހަރެވެ.

އާ "ކްލޭޑް 1ބީ" ވެރިއަންޓް އަކީ ފަސޭހައިން ފެތުރޭ ކަމަށް ވޭރިއަންޓަކަށް ވާތީ އެކަމާމެދު މުޅި ދުނިޔެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޒިމްބާބުވޭގެ އިތުރުން ޒެމްބިއާއިން ވެސް މިދިޔަ ހަފުތާ ވަނީ މަކުނު ވިދުރީގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން މަކުނު ވިދުރީގެ ކޭސްތައް އެންމެ ގިނަ ކޮންގޯގައި މިދިޔަ ހަފުތާ ވަނީ އެ ބަލިން ދިފާއުވުމަށް ދޭ ވެކްސިން ދޭން ފަށާފައެވެ.

މަކުނު ވިދުރީގެ ވައިރަސް އިންސާނުންނަށް ވާސިލު ވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

comment ކޮމެންޓް