މާނިއު އެންއައިސީ އިން ވަކިކޮށްފި

އެންއައިސީއަށް އައްޔަން ކުރެއްވުމަށް މާނިއުއަށް ރައީސް ޔާމީން ލިޔުން ދެއްވަނީ: އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފައި ފައިލް ފޮޓޯ: ރައީސް އޮފީސް

‎ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްގެ މަގާމްގައި ހުންނެވި ޔޫސުފް މާނިއު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކޮށްފި އެވެ.

މާނިއު މަގާމުން ވަކިކުރެއްވިކަން އޭނާ ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މާނިއު ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރަކު އޭނާ އަށް ގުޅުއްވައި މަގާމުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި ސިޓީއާ ހަވާލުވުމަށް ރައީސް އޮފީހަށް ވަޑައިގަތުމަށް އަންގާފައިވާ ކަމަށެވެ.

މާނިއު ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވި ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށާއި އެއްވެސް ކަމެއް ގާނޫނާއި ގަވާއިދުގެ ބޭރުން ކުރައްވާފައި ނުވާނެ ކަމަށެވެ.

މާނިއު މަގާމުން ވަކިކޮށްފައިވާ އިރު ދާދި ފަހުން އޭނާ ވަނީ ފުލުހުންގެ ފަރާތުން އެ ކޮމިޝަނުގެ ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ އެންއައިސީ އަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މާނިއު ވަކުކިރެއްވީ އެކަމާ ގުޅިގެން ކަމެއް ކަށަވަރެއް ނުވެ އެވެ. އަދި އެ މައްސަލާގައި ރައީސް އޮފީހުގެ ބަހެއް ހޯދާލުމަށް ކުރި މަސަތްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް