ކާށިދޫގައި ޖަލެއް އެޅުމަށް ބަޖެޓްކުރި ފައިސާ ހުރާ ބިން ހިއްކުމަށް

ކ. ހުރާ: އެ ރަށުގެ ބިން ހިއްކުމަށް 26 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓްކޮށްފައިވޭ--- ސަން ފައިލް ފޮޓޯ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކ. ކާށީދޫގައި ޖަލެއް އެޅުމަށް ހިމަނާފައިވާ ފައިސާ، ކ. ހުރާގެ ބިން ހިއްކުމުގެ މަޝްރޫއަށް ހޭދަކުރުމަށް ބަޖެޓަށް އިސްލާހު ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ކ. ކާށިދޫގައި ޖަލެއް އެޅުމަށް ވަނީ 26 މިލިއަން ރުފިޔާ ހިމަނާފައެވެ.

ބަޖެޓަށް އިސްލާހު ހުށަހެޅީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އިސްލާހު ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ޕީޕީއެމް އަދި އެމްޑީއޭގެ 12 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ހުރާގެ ބިން ހިއްކުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށާއި އެކަން ކުރުމުން މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮށްޖެހުމުގެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުގެން ދާނެ ކަމަށެވެ.

އެ ހުށަހެޅުމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މިވަގުތަށް ފޯކަސް ބަހައްޓަން ޖެހެނީ ރާއްޖޭގައި ޖަލުތަކެއް އެޅުމަށް ނޫން ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ޖަލު ތަކުގައި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

"އެންމެ އެކަށީގެންވާ ރަނގަޅު ގޮތަކީ އެ ފައިސާ ކ. އަތޮޅަށް މުހިންމު ކަން ބޭނުންވެފައި ހުރި އެހެން ރަށަކަށް ހޭދަކުރުން. އެގޮތަށް ބަލާއިރު ހުރާގެ ބިން ހިއްކުމުގެ ވާހަކައަކީ އެ ބޭފުޅުން ވަރަށް ބޮޑަށް ދައްކަވަމުން ދިޔަ ވާހަކައެއް،" ޖަމީލް އުސްމާން ވިދާޅުވި އެވެ.

comment ކޮމެންޓް