ތޮއްޔިބަށް މައުލޫމާތު ދޭ މީހުން ހޯދުމަށް އޭނާގެ ފޯނު ހިފަހައްޓައިފި

ތައްޔިބު ޝަހީމް ---

ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމަށް ސަރުކާރުގެ މައުލޫމާތައް ދޭ މީހުން ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައިފި އެވެ.

ތޮއްޔިބުގެ ފޯނު އަތުލާފައި ވަނީ، އޭނާގެ ޓްވިޓާ އެކައުންޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އަދި ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތަށް ހަގީގަތާ ޚިލާފަށް ސޯޝަލް މީޑިއާގައި ލިޔެ ޕޯސްޓް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެ އަމުރުގައި ތޮއްޔިބު ބޭނުންކުރާ ފޯނުތަކާއި ސިމްކާޑުތަކާއި މެމޮރީ ކާޑް އަދި ލެޕްޓޮޕް ފަދަ ތަކެތި ހިފަހައްޓައި، އެތަކެތީގައިވާ ހުރިހާ މައުލޫމާތަކާއި، ފޯނު ކޯލްތައް އަދި މެސެޖުތައް ފުލުހުންނަށް ދިނުމަށް ތޮއްޔިބުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރުމަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން އޭނާގެ މައްޗަށް ފުލުހުން ކުރަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ތޮއްޔިބުގެ ފޯނު ވަނީ އަތުލާފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މިޑިއާގައި ވާހަކަ ފެތުރި ކަމުގެ ތުހުމަތުގައި މިއަހަރުގެ މާޗު މަހުގެ ތެރޭގައި ތޮއްޔިބު ހައްޔަރު ވެސް ކުރި އެވެެ.

comment ކޮމެންޓް