ރާއްޖޭގެ ޖަލުތަކުގައި 124 ބަންގާޅު ރައްޔިތުން އެބަތިބި: ބަނގުލަދޭޝް

ގަވާއިދާ ޚިލާފަށް ތިލަފުށީގައި އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި --- ފައިލް ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގެ އެކި ޖަލުތަކުގައި 124 ބަންގާޅު ރައްޔިތުން ހައްޔަރުކޮށްފައި އެބަ ތިބި ކަމަށް ބަނގުލަދޭޝުން ބުނެފި އެވެ.

ބަނގުލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ކޮމާސް މިނިސްޓަރު ތޮފައިލް އަހުމަދު ވިދާޅުވީ، ދުނިޔޭގެ އެކި ޖަލު ތަކުގައި އެގައުމުގެ 15،000 އަށްވުރެ ގިނަ ރައްޔިތުން ހައްޔަރުގައި އެބަ ތިބި ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބަނގުލަދޭޝްގެ 124 ރައްޔިތަކު ހައްޔަރުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ތޮފައިލްއާ ހަވާލާދީ ބަނގުލަދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނާ ގޮތުން، ރާއްޖެއަކީ ބަނގުލަދޭޝްގެ ރައްޔިތުން ހައްޔަރުގައި ތިބި ހަމައެކަނި ސައުތު އޭޝިއާގެ ގައުމެވެ. ނަމަވެސް އެ މީހުންގެ ތަފްސީލެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ބިދޭސީން، ހާއްސަކޮށް ބަނގުލަދޭޝް ރައްޔިތުން ހަރަކާތްތެރި ނުވާ ދާއިރާއެއް މަދުއިރު، އެކި ކަހަލަ ކުށަށް އަރައިގަންނަ ބިދޭސީ މީހުންގެ އަދަދު ވެސް ރާއްޖޭގައި ދަނީ ގިނަވަމުން ނެވެ.

އެގޮތުން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަރެކްޝަންގެ ބަންދުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ފަސް ބަނގުލަދޭޝް މީހަކު ފިލާފައިވާއިރު، ބަނގުރާ ކައްކައި އޭގެ ވިޔަފާރި ކުރުމާއި މާރާމާރީ އާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް ވެސް ބިދޭސީން އަރައިގަނެފައިވާ ކަން ފާހަގަކުރެވެ އެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ތޮފައިލް ވިދާޅުވި ގޮތުގައި، ބަނގުލަދޭޝްގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ހައްޔަރުގައި ތިބީ ސައުދީ އަރަބިއާގައެވެ.

އެގޮތުން އެގައުމުގައި އެކަނި ވެސް 10885 ބަނގުލަދޭޝް ރައްޔިތުން ހައްޔަރުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެކުވެރި އަރަބި އިމާރާތުގެ ޖަލުތަކުގައި 977 މީހަކު، މެލޭޝިއާގައި 810 މީހަކު، އޮމާންގައި 661 މީހަކު، ކުވޭތްގައި 384 މީހުން އަދި ގަތަރުގައި 309 މީހަކު ހައްޔަރުގައި ތިބި އިރު، ގްރީސްގައި 257 މީހަކު، ލީބިޔާ 239 މީހަކު އަދި އިޓަލީގައި 134 މީހުން ހައްޔަރުގައި އެބަ ތިބި ކަމަށް ތޮއިފް ވިދާޅުވި އެވެ.

އޭގެ އިތުރުން، އިރާގުގައި 115 މީހަކު، ހޮންގް ކޮންގްގައި 79 މީހަކު ސިންގަޕޫރުގައި 84 މީހަކު ހައްޔަރުގައި ތިބި އިރު، ޖޯޑަންގައި 59 މީހަކާއި ސައުތު ކޮރެއާގައި 27 މީހަކު، ޖަޕާނުގައި 32 މީހަކު، މޮރިޝަސް ގައި ހަތް މީހަކު އަދި ތައިލެންޑުގެ ޖަލެއްގައި އެކަކު ހައްޔަރުގައި އެބަ ތިބި ކަމަށް ބަނގުލަދޭޝުން ބުނެ އެވެ.

comment ކޮމެންޓް