ބައިވެރިޔާ މަތިން ފޫހިވަނީ ކީއްވެ؟

ޒުވާބާއިި އަރާރުންވުމުން ދެ ބައިވެރިންގެ ގުޅުމަށް ހުރަސް އެޅޭ---

ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ވަގުތު ހޭދަކުރާ ބައިވެރިޔާ ވެގެން ދަނީ ތިމާގެ ދިރިއުޅުމުގައި އެންމެ މުހިއްމު އެކަކަށެވެ.

ތިމާގެ މޫޑް އޭނާ ބުނެލާ އެއްޗަކުން ނޫނީ ކޮށްލާ ކަމަކުން ބަދަލުވެގެން ދެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅޭ ދެ ބައިވެރިން ކަމަށް ވާނަމަ ގިނަ މައްސަލަތައް ޖެހުން އެކަށީގެންވެއެވެ. މައްސަލަ ހައްލު ކުރަން ނޫޅެ 'ވަރިހަމަ' ކަމަށް ބަލައިގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ. ކަންތައްތައް މިހެން ވެގެން ދާއިރު ބައިވެރިޔާ މަތިން ފޫހިވާ ސަބަބުތައް ބަލައިލަން ޖެހެއެވެ.

ބައިވެރިޔާއަށް އޭނާގެ އަމިއްލަ ކުށް ނުފެނި، އަބަދުވެސް ތިމާގެ ކުށް ދައްކައި އުޅުމަކީ ބައިވެރިޔާ މަތިން ފޫހިވެގެންދާ މައިގަނޑު އެއް ސަބަބެވެ. ޒުވާބެއް ކުރި ނަމަވެސް ކަން ވީ ގޮތުގެ ދެކޮޅު ނުބަލައި ހިތު ހުރިހާ އެއްޗެއް އަނެކާއާ ދިމާއަށް ބުނެލާ މީހުން މަތިން ފޫހިކުރުވައެވެ. ތިމާ ދައްކާ ވާހަކަތައް އަޑުއަހަން ބޭނުން ނުވުމަކީ ވެސް ބައިވެރިޔާ މަތިން ފޫހިކުރުވާ ކަމެކެވެ.

ކުރާ ކަމެއް ބަލައި ނުގަތުމަކީ ކޮންމެ މީހަކުވެސް އޭނާއާ އެކީ އުޅެން ފޫހިވާނެ ސަބަބެކެވެ. ކުރާ އެއްވެސް ކަމެއް ރަނގަޅު ނުވެ އެއްޗެހި ގޮވާ ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހާއްސަ ގޮތެއްގައި ދިރިޅުމެއްގައި އެކަން ބޮޑަށް އަންނަނީ އެ މީހާގެ 'ޕާސްޓް' އަށް ބަލާފައެވެ. ކުރިން ކޮށްފައި އޮތް ގޯސް ކަމެއްގެ ވާހަކަ ދައްކައި ހެދުމަކީ ކުރެވޭނޭ ވަރަށް ބޮޑު މޮޔަ ކަމެކެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮންމެ މީހަކުވެސް ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެ ކަމެވެ.

ވަގުތަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެކަން ގަބޫލު ކުރަމެވެ. ދެމީހުންނަށް އަބަދު އެކުގައި ނޫޅެވިދާނެއެވެ. ދުރުގައި އުޅެން ޖެހޭ ވަގުތު ތަކުގައި މަދުވެގެން އެއްފަހަރު ނަމަވެސް ބައިވެރިޔާއަށް ގުޅާލައި ކަންތައްތައް ހިއްސާކޮށްލާށެވެ. މިގޮތަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުންވެސް ދިރިއުޅުމެއްގައި ދިމާވާ މިފަދަ ވަރަށް ގިނަ ކަންކަމަށް ހައްލުހޯދެއެވެ.

comment ކޮމެންޓް