17 އަހަރަށް ފަހު މިސް ވޯލްޑްގެ ތާޖު، އިންޑިއާ އަށް

ޗައިނާގައި އިއްޔެ ނިމިގެން ދިޔަ 67 ވަނަ މިސް ވޯލްޑް މުބާރާތުގެ ތާޖު އަވަށްޓެރި އިންޑިއާގެ ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ކާމިޔާބު ކޮށްފި އެވެ.

އުމުރުން 20 އަހަރުގެ މަނޫޝީ އަކީ އިންޑިއާގެ ހަރްޔާނާ އަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އަކީ ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

މަނޫޝީ މިސް ވޯލްޑް 2017 ކާމިޔާބު ކުރީ އިނގެރޭސިވިލާތުގެ ރީތީގެ ރާނީ ސްޓެފަނީ ހިލް އަދި މެކްސިކޯގެ ރީތީގެ ރާނީ އެންޑްރިއާ މޭޒާ އާއި ވާދަކޮށްގެންނެވެ.

މަނޫޝީގެ ބޮލުގައި ތާޖު އަޅުވައިދިނީ 2016 ވަނަ އަހަރު އެ ތާޖު ގެންދިޔަ ޕުއެޓޮ ރީކޯގެ ރީތީގެ ރާނީ ސްޓެފަނީ ޑެލް ވާއިޔޭ އެވެ.

މިއީ އިންޑިއާގެ ރީތީގެ ރާނީ އަކަށް މިސް ވޯލްޑް ލިބުނު ހަ ވަނަ ފަހަރެވެ. މިއީ 2000 ވަނަ އަހަރުގެ ފަހުން އިންޑިއާގެ ރީތީގެ ރާނީ އަކަށް މިސް ވޯލްޑް ލިބުނު ފުރަތަމަ ފަހަރެވެ. އެ އަހަރު މިސް ވޯލްޑް އަކީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެވެ.

comment ކޮމެންޓް