ސައުދީ ސަރުކާރުން ފ. އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކުރި ތަރައްގީގެ "ބޮޑު" މަޝްރޫއު ހުއްޓިގެން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ހުޅުމާލޭގައި ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު އަބަދު ވެސް ދަންނަވަމުން އައީ ފެއްސާއި ރަތާ ހުދުގެ އެއްވެސް މައްސަލައެއް އަޅުގަނޑާ ހަމައަކަށް ނާދެއޭ. ފ. އަތޮޅުގައި އަޅަން އަޅުގަނޑުމެން ނިންމި ބިޔަ މަޝްރޫއު އަޅުގަނޑުމެނަށް ބީވެގެން ދިޔައީ ކޮންބައެއްގެ މަސަތްކަތުންތޯ. ކީވެގެންތޯ ގެދޮރިވެރިކަމަށް ސޮއިކުރި އެތައް ބަޔަކު ފަހުން ރާއްޖެއަށް ނާންނަން ނިންމީ. އެއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ދައްކާފައި ހުރި ވިޔާނުދާ ވާހަކަތަކުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.
ފ. އަތޮޅުގައި ބޮޑު ބިޔަ މަޝްރޫއެއް ފަށަން އުޅޭ ކަމަށް އެންމެ ފުރަތަމަ ރައީސް ވިދާޅުވެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅު ފ. މަގޫދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް އެދުވަހު ވިދާޅުވެފައި ވަނީ ސައުދީ ސަރުކާރުން ފ. އަތޮޅުގައި ހިންގަން ރާވާފައިވާ ބޮޑު މަޝްރޫއަށް ބޭނުންވާ ހުރިހާ ކުރެހުންތަކެއް ވެސް ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުގެ ސަބަބުން "އަތަކެއް ސަތޭކަ ވަޒީފާ އުފެދިގެން ގޮސް" މުޅި އަތޮޅަކީ ރާއްޖޭގެ އެންމެ ތަނަވަސް އަތޮޅަށް ވުމުގެ ފުރުސަތު ފަހި ވެފައިވާ ކަމަށެވެ.
ފ. އަތޮޅުގައި ސައުދީން ހިންގަން އުޅޭ މަޝްރޫއުގެ ވާހަކަ އެ ދުވަހު ރައީސް ރަސްމީކޮށް އިއުލާން ކުރެއްވި ނަމަވެސް އޭގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ފ. އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގެ އިތުރުން އާންމު ރައްޔިތުންގެ މެދުގައި ވެސް ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ސައުދީން އެ މަޝްރޫއު ދޫކޮށްލުން ކަމަށް ރައީސް ވިދާޅުވި އެވެ.