ހަތް ދަރިންނާއި ހަތް ބެލޮންޑިއޯ ހޯދުމަކީ ރޮނާލްޑޯގެ ބޮޑު އަމާޒެއް!

ރޮނާލްޑޯ އޭނާގެ ދޮށީ ދަރިއާ އެކު: އޭނާއަށް މިހާތަނަށް ހަތަރު ދަރިންނާއި ހަތަރު ބެލޮންޑިއޯ ހޯދާފައިވޭ ---

ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ދަރިންނާއި ހަތް ބެލޮންޑިއޯ ބޭނުންވާ ކަމަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ފްރާންސް ފުޓްބޯޅަ އިން ދޭ ބެލޮންޑިއޯ އެވޯޑު މިހާތަނަށް ހަތަރު ފަހަރެއްގެ އުމުރުން 32 އަހަރުގެ ރޮނާލްޑޯ ހޯދާފައިވާ އިރު، އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް އަންހެން ދަރިއެއް ލިބުނުކަން މި ހަފްތާ ތެރޭގައި ވަނީ އިއުލާންކޮށްފި އެވެ. އެއީ ރޮނާލްޑޯއަށް ލިބުނު ހަތަރު ވަނަ ދަރި އެވެ.

ފްރާންސްގެ އެންމެ ބޮޑު ފުޓްބޯޅަ ނޫސް ކަމަށްވާ "އެލްއިކުއިޕޭ" އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ދަރިން ހޯދަން ބޭނުންވާ ކަމަށާއި ހަމަ އެ އަދަދަށް ބެލޮންޑިއޯ ހޯދުމަކީ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

"އަހަރެންނަށް ބެލޮންޑިއޯ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. އެކަމާ ހާހެއް ނުވޭ. އަހަރެން ބޭނުންވޭ ހަތް ދަރިން އަދި އެއާ އެއްވަރަށް ބެލެންޑިއޯ ވެސް ބޭނުން. އަހަރެންގެ އުންމީދަކީ އަހަރެންނަށް ވީ ވަރަކުން ހުރިހާ އެވޯޑެއް ވެސް ހޯދުން،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ، މި ސީޒަނުގައި ވެސް އެ އެވޯޑު ހޯދުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށާއި ކުޅުން ކުރިއަށް ގެންދާހާ ހިނދަކު ބޭނުން ވަނީ ހޯދެން ހުރި ހުރިހާ އެވޯޑެއް ހޯދުން ކަމަށް ކަމަށެވެ. މިއަހަރުގެ އެވޯޑު ހޯދުމަކީ ހުވަފެނެއް ކަމަށާއި ނުލިބިއްޖެ ނަމަ އަންނަ އަހަރުގެ އެވޯޑު ހޯދުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.

ރޮނާލްޑޯއަށް މިސީޒަނުގެ މިހާތަނަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެގޮތުން ސްޕެނިޝް ލީގުގައި އޭނާ ކުޅުނު ހަތް މެޗުގައި ޖެހިފައި ވަނީ އެންމެ ގޯލެކެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ހަ ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް