ހަރާރޭ (ނޮވެމްބަރު 17): ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ވެރިކަމުން ފައިބައިވަޑައިގަތުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް އޭނާ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުން ކަމަށް ތަފާތު މީޑިއާތަކުން ބުނެފި އެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާއާ ގުޅުން ހުރި ފަރާތްތަކާ ހަވާލާދީ އޭއެފްޕީގައިވާ ގޮތުން މުގާބޭ ވަނީ ސިފައިންގެ ކޮމާންޑަރު ކޮންސްޓަންޓީނޯ ޗިވެންގާ އާއި އެގައުމަށް ވަޑައިގެންނެވި ދެކުނު އެފްރިކާގެ ސަފީރުންނާ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.
ހަރާރޭގައި ހުންނަ ރައީސް އޮފީހުގައި ބޭއްވި އެބައްދަލުވުމުގެ ފޮޓޯތައް ޒިމްބާބުވޭ ހެރަލްޑުން ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް އެބައްދަލުވުމުގައި ދެއްކި ވާހަކަތައް އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާ ކަމަށް އެނޫހުގައިވެ އެވެ. އެހެން ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މުގާބޭ ގެންދަވަނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ސިފައިން ދަނީ ދެން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ރައީސް މުގާބޭއާ މަޝްވަރާ ކުރަމުންނެވެ. އަދި މުގާބޭގެ ސަރުކާރުގައި ގައުމަށް "އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެއްލުން ހުރި ކަންތައް ކުރެއްވި ކުށްވެރިން އިންސާފަށް ގެނައުމުގެ" މަސައްކަތް ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު ޒިމްބާބުވޭގެ އަސްކަރިއްޔާއިން އެގައުމުގައި ބާރު ހިންގަން ފެށުމަށް ފަހު ނެރުނު ބަޔާނެއްގައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ބުނެ، އަސްކަރިއްޔާގެ މަސައްކަތް ނިމުމާއެކު ގައުމު އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް ބުނެފަ އެވެ.
ރައީސް މުގާބޭ އާއި ޒިމްބާބުވޭގެ އަސްކަރިއްޔާއާ ދެމެދު ދެބަސްވުން އުފެދުނީ މިދިޔަ ހަފްތާ ތެރޭގައި ނައިބު ރައީސް އެމާސަން ނަންގާގުވާ މަގާމުން ދުރުކުރުމުންނެވެ. އުމުރުން 93 އަހަރުގެ މުގާބޭ، ނަންގާގުވާ މަގާމުން ދުރުކުރީ ގްރޭސް ނައިބު ރައީސް ކަމަށް ގެންނަން ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
ޒިމްބާބުވޭގެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ނަންގާގުވާ އަކީ އަސްކަރިއްޔާގެ ބޮޑު ތާއީދެެއް އޮތް ފަރާތެކެވެ. އަދި އޭނާ މަގާމުން ވަކި ކުރުމުން ޗިވެންގާ ވަނީ ގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި ފަރާތްތައް ޒަނޫ-ޕީއެފް ޕާޓީން އެކަހެރި ކުރުން ހުއްޓާލުމަށާއި، އެހެން ނޫނީ އަސްކަރިއްޔާއިން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޒިމްބާބުވޭގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަނީ ނަންގާގުވާ ވެރިކަމަށް އިސްކުރާށެވެ. (ބީބީސީ)