ރޮހިންގާ މުސްލިމުންގެ މައްސަލާގައި މިނިވަން ތަހުގީގެއް ކުރަންޖެހޭ: ޓިލާސަން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އާއި މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީ -- ފޮޓޯ: އީޕީއޭ

ނޭޕީޑޯ (ނޮވެމްބަރު 15): މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ މުސްލިމުންނަށް އަނިޔާ ކުރާ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރިއަށްގެންދަން ޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެ އެވެ.

މިޔަންމާއަށް ވަޑައިގެން އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީއާ އެކު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޓިލާސަން ވަނީ ރޮހިންގާ މުސްލިމުންގެ ހާލަތާ މެދު އެމެރިކާ އިން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިޔަންމާގެ އަސްކަރިއްޔާ އިން ހިންގަމުންދާ ޖަރީމާތަކާ ބެހޭ ތުހުމަތުތައް މިނިވަންކަމާ އެކު ތަހުގީގު ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވައިފަ އެވެ.

މިދިޔަ އޮގަސްޓު މަހު ރޮހިންގާ މުސްލިމުންގެ ހަތިޔާރު އެޅި ޖަމާއަތަކުން މިޔަންމާގެ ފުލުހުންނަށް ހަމަލާތަކެއް ދިން ފަހުން، މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ރާކިން ސްޓޭޓޫގައި އެގައުމުގެ އަސްކަރިއްޔާ އިން ވަނީ އަނިޔާވެރި އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ސަބަބުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު ވަނީ 600،000 އަށް އަރާފަ އެވެ.

އެހެންކަމުން ޓިލާސަން ދެއްވި ބަޔާނުގައި އޭނާ ވަނީ އަރަކަން ރޮހިންގާ ސެލްވޭޝަން އާމީގެ އަމަލުތައް ވެސް ކުށްވެރި ކުރައްވާފަ އެވެ. އަދި އެމެރިކާ އިން ބޭނުން ވަނީ މިޔަންމާއަށް ކާމިޔާބީ ކަމަށާއި ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެގައުމަށާއި ބަންގުލަދޭޝްއަށް އެމެރިކާއިން އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރޮހިންގާ މުސްލިމުންގެ ހާލަތާ ބެހޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވި ސޫޗީ ވަނީ އެމައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށާއި ނަމަވެސް އޭނާ ވާހަކަ ދައްކަވަނީ އެކި މީހުންގެ މެދުގައި ރުޅިވެރިކަން ނުއުފެދޭ ގޮތަށް ކަމަށް ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފަ އެވެ.

ރޮހިންގާ މުސްލިމުންގެ މައްސަލާގައި މިނިވަން ތަހުގީގަކަށް ޓިލާސަން ގޮވާލެއްވީ އެމައްސަލައާ ބެހޭ ގޮތުން އެގައުމުގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު ތަހުގީގީ ރިޕޯޓެއް ނެރުނު ފަހުންނެވެ. އެރިޕޯޓުގައި ވަނީ އެގައުމުގެ އަސްކަރިއްޔާ އިން ރޮހިންގާ މުސްލިމުން މަރައި އެމީހުންގެ ގެތަކުގައި ރޯކޮށް، އަންހެނުން ރޭޕްކުރި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިޔަންމާ އަސްކަރިއްޔާ އިން ފުރިހަމަ ތަހުގީގެއް ކުރިއަށްނުގެންދާ ކަމަށް ބުނެ، މައްސަލަ ތަހުގީގު ކުރަން އދ.ށް ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ. (ބީބީސީ)

comment ކޮމެންޓް