މޫސުން ތަން ނުދިނުމުން "ޒަވިޔަނި ޔޫތު ފެސްޓިވަލް" ފަސް ކޮށްފި

"އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ފައިނަލް މެޗާއި މުބާރާތް ނިންމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މުޅިން އަލަށް އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޒުވާނުންގެ ފެސްޓިވަލް "ޒަވިޔަނި ޔޫތު ފެސްޓިވަލް 2017" މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފިއެވެ.

"ޒުވާނުންގެ ތަހުވާރު"ގެ ނަމުގައި ބާއްވަން ނިންމާފައިވާ މި ފެސްޓިވަލް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ޔޫތް މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ފެސްޓިވަލް މި މަހުގެ 23 ވާ ބުރާސްފަތި ދުވަހަށް ފަސް ކުރެވިފައިވާ ކަމަށެވެ.

އެ ތަހުވާރަކީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާ 17 ނޮވެމްބަރު ދުވަހާ ގުޅިގެން ޒުވާންނަށް ޚާއްސަކޮށް ދެވޭ ހަދިޔާއެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. އަދި އެ ތަހުވާރުގައި ޒުވާން ވިޔަފާރިވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާއާއި، ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއި، ކުރެހުމައި ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެއެވެ.

މީގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ދާއިރާއާއި، އަތްތެރި މަސަތްކަތާއި، ތައުލީމާއި، ކަސްރަތާއި ކުޅިވަރު، އަދި ޚާއްސަކޮށް މޫދު ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންގެ އިތުރުން މުޅިން އާ ޒުވާން މޫނުތަކެއް ފެނެނިގެންދާނެއެވެ.

މި ފެސްޓިވަލުގެ މައިގަނޑު މަޤްސަދަކީ އެކިއެކި ދާއިރާތަކުން ކުރިއަރާ އަދި ކުރި އަރަމުން އަންނަ ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ އެއް ވިއުގައެއްގެ ތެރޭގައި ހުރިހާ ޒުވާނުން ބައްދަލުކޮށް ތައަރާފްވުމެވެ. އަދި ޒުވާން ފަންނުވެރިންނާއި ޒުވާނުންގެ އުފެއްދުންތައް މާކެޓްކޮށް ޒުވާނުންގެ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމެވެ.

ޒަވިޔަނި ޔޫތު ފެސްޓިވަލް އަންނަ އަހަރު ވެސް ބާއްވާ ގޮތަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް