ދަރުމަވަންތަ ހޮސްޕިޓަލަށް މެޝިނަރީ ގަތުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފި

ޖޫން 5، 2016: އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އައިޖީއެމްއެޗްއާ އިންވެގެން އިމާރާތްކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އަދި އެއީ ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްގެން ހަދާ އިމާރާތެކެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައެޅަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 2018 ވަނަ އަހަރަކީ ވެސް ދައުލަތުގެ ބަޖެޓުން ރައްޔިތުން އުއްމީދުކުރާ ފަދަ މަޝްރޫޢުތަކެއް ފަށައި ޚަރަދުކުރާނެ އަހަރެއް ކަމަށެވެ. އަދި ބަޖެޓް ހެދުމުގައި ސިއްހީ ދާއިރާ އަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަންނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް ނިންމައި، ޚިދުމަތް ދޭން ފެށޭނެ. ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރުމަށާއި އެ ތަނަށް ބޭނުންވާ މެޝިނަރީ އާއި ތަކެތި ގަނެ، ޚިދުމަތަށް ބޭނުންވާ ޚަރަދުގެ ގޮތުގައި ޖުމުލަ 818 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެ."

ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލް( އައިޖީއެމްއެޗް) ތަރައްގީއަށް ބަޖެޓްކޮށްފައި ވަނީ 588.4 މިލިއަން ރުފިޔާ އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކޮށް ނިންމުމުގެ ހަރަދެއްގެ ގޮތުން 4.588 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.

މި އަހަރު ހުށައެޅި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮ ގްރާމް (ޕީއެސްއައިޕީ) ބަޖެޓްގެ ތެރެއިން ސިއްހީ އަދި އިޖުތިމާތީ ދާއިރާ ތަރައްގީކުރުމުގެ 153 މަޝްރޫއަކަށް 5.807 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެ އެވެ. މިއީ ޖުމުލަ ޕީއެސްއައިޕީގެ 4.11 ޕަސެންޓެވެ.

އެގޮތުން ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ 27 މަޝްރޫޢަކަށް 4.673 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެ އެވެ. މިއީ ޖުމުލަ ޕީއެސްއައިޕީގެ 5.9 ޕަސެންޓެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ މިއަދު ހުށައެޅި ބަޖެޓްގެ ތެރެއިން ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދިނުމަށް ސަރުކާރުން ބިނާކޮށްފައި ހުރި، އެކިއެކި ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ހޯދުމަށާއި ކުއްލި ފަރުވާ ޚިދުމަތް ލިބެން ނެތް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

މިއަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކަށް މަޖިލީހަށް މިއަދު ހުށައަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް