އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ މައްޗަށް އުފުލާފައިވާ 30 ދައުވާގައި ހިމެނޭ ހިޔާނާތުގެ ފައިސާގެ އަދަދު 722 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާގެ ތެރެއިން މިއަދު ވަނީ 15 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. އެ 15 ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
އޭގެ ތެރެއިން އަށް ދައުވާއެއްގެ އަޑުއެހުން މިއަދުު ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ އެވެ. އަނެއް ހަތް ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ މިރޭ 7:00 އިން ފެށިގެންނެވެ.
މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އިއްވި އަށް ދައުވާގައިވާ ހިޔާނާތުގެ ފައިސާގެ އަދަދު 239.7 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިރޭ ބޭއްވި އަޑުއެހުމުގައި އިއްވި ދައުވާތަކުގައިވާ ހިޔާނާތުގެ ފައިސާގެ އަދަދު 126.4 މިލިއަން ރުފިޔާއަށް އަރަ އެވެ.
ޚިޔާނާތުގެ މައްސަލާގައި ދެން އުފުލާފައިވާ އިތުރު 15 ދައުވާގެ އަޑުއެހުން ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އިއްވި ދައުވާތަކުގައި ބުނެފައިވާ ގޮތުން ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ބުނަނީ 356.2 މިލިއަން ރުފިޔާއަށެވެ.
އެހެންކަމުން ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގައިވާ ހިޔާނާތްވި ފައިސާގެ ޖުމްލަ 722.3 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މިރޭ ބޭއްވި އަޑުއެހުމުގައިވެސް ވަކިވަކިން ވަނީ ދައުވާތައް އިއްވާފަ އެވެ.
އަލަށް ކުރި ދައުވާތަކުގައިވާ ރަށްތަކާއި، ފަޅުތައް އަދި އަގުތައް:
- މ. އުތުރުބޮޑުވެލި އަދި ހުރަސްވެލި (1.8 މިލިއަން ޑޮލަރަށް، އައިލެންޑް ޗެނަލް ޕްރައިވެޓް ލިމިޓެޑަށް)
- ރ. ފާރުފުށި (2.5 މިލިއަން ޑޮލަރަށް، މުހައްމަދު އުމަރު މަނިކަށް)
- މާލެ އަތޮޅު ފަޅެއް (ތިން ލައްކަ ޑޮލަރަށް، ކޮރަލް ޓްރީ ޕްރައިވެޓް ލިމިޓެޑަށް)
- ތ. ކަޅުދިޔަފުށި (އެއްލައްކަ ފަންސާސްހާސް ޑޮލަރަށް، ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް)
- ބ. މިލައިދޫ (ދެ މިލިއަން ޑޮލަރަށް، ޔުނިވާސަލް އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް)
- ތ. އޮޅުގިރި (ފަސް ލައްކަ ޑޮލަރަށް، ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް)
- އދ. ފުށިދިއްގާ (ނުވަ ލައްކަ ފަންސާސްހާސް ޑޮލަރަށް، އެޗްއެމްއެޗްއައި ކޮމްޕެނީ އަށް)
އެ ހަތް ދައުވާ ވެސް އިއްވާފައިވަނީ ވަކިވަކިންނެވެ. އެ ދައުވާތައް އިއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ޗެކުތަކާ ޒިޔަތު ހަވާލުވި ނަމަވެސް އެ ފައިސާ އެމްއެމްޕީއާރުސީއަށް ލިބިފައި ނުވާ ކަމަށެވެ.
މިރޭ އިއްވި ހަތް ދައުވާއަށް ވެސް ޒިޔަތު އިންކާރު ކުރި އެވެ. އިންކާރު ކުރާ ސަބަބެއްގެ ގޮތުގައި ޒިޔަތުގެ ފަރާތުން އޭނާގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، އެ ޗެކްތަކާ ޒިޔަތު ހަވާލުވެ، ޓޫރިޒަމް މިނިސްޓްރީން އަންގާފައިވާ ގޮތަށް ޕްރޫފް އޮފް ޕޭމަންޓް ނުވަތަ ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުގައި އެ ޗެކްތައް ވާނީ އަދީބާ ހަވާލުކޮށްފަ ކަމަށެވެ. އަދި އެ ޗެކްތައް ހަވާލު ކުރީ އެއްވެސް ހާލަތެއްގައި ޚިޔާނާތްތެރިވުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް ދައުވާއަށް ޖަވާބުދާރީ ވަމުން ޒިޔަތުގެ ވަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން ޔާމީން ވިދާޅުވީ، އެ ޗެކްތައް އެޑްރެސްކޮށްފައި އޮންނާނީ އެމްއެމްޕީއާރުސީ އަށް ކަމަށާއި، އެ ޗެކްތަކަކީ އެމްއެމްޕީއާރުސީގެ އެކައުންޓަށް ނޫން އެހެން އެކައުންޓަކަށް ޖަމާކުރެވޭ ހާލަތުގައި ހުރި ޗެކްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެ ޗެކްތަކުގައިވާ ފައިސާ ޖަމާވެފައި ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ ޗެކްތައް އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާވެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ޒިޔަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އެސްއޯއެފްގެ އެކައުންޓަށް އެ ޗެކްތައް ޖަމާވެފައި ވަނީ އެމްއެމްޕީއާރުސީން ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހަޅާފައިވާ ބޯޑް އޮފް ރިޒޮލިއުޝަނާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ވަކީލު ވިދާޅުވި އެވެ.
ޒިޔަތުގެ ވަކީލު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ގަވާއިދުތަކާ ޚިލާފަށް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެމްއެމްޕީއާރުސީގެ ފައިސާއަށް ޒިޔަތު ޚިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.
ޒިޔަތަށް ކުރާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ ކޮންމެ ދައުވާއެއްގައި ވެސް ހިމެނޭ ރަށް ނުވަތަ ފަޅާ ގުޅޭ އެއްބަސްވުންތަކާއި ޗެކްތައް އަދި ޗެކް ލިބުނު ކަމުގެ ސްލިޕްތައް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ސިއްރު ހެކިން ވެސް ދައުވާތައް ސާބިތު ކުރުމަށް ހުށަހަޅާފައިވެ އެވެ.
މިއަދު ބޭއްވި 15 ދައުވާ އާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅަ ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.