އިމިގްރޭޝަނުން ހަރަދުތައް ކޮށްފައި ވަނީ ބަޖެޓުގެ މަގްސަދުތައް ހާސިލްވާގޮތަށް: އޮޑިޓް ރިޕޯޓް

އިމިގްރޭޝަންގެ ހަރަދުތައް ކޮށްފައި ވަނީ ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން މިއަދު ނެރުނު އިމިގްރޭޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހަރަދުތައް ކޮށްފައި ވަނީ ބަޖެޓުގެ މަގްސަދްތައް ހާސިލްވާ ގޮތަށް ކަމަށާއި ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ ތަންތަނަށް ލިބޭ ފައިސާގެ ރެކޯޑު ބަލަހައްޓަންވާނެ އުސޫލެއް ކަނޑައަޅާފައިވީ ނަމަވެސް އިމިގްރޭޝަނުން އެ އުސޫލްތަކާ އެއްގޮތަށް ރެކޯޑު ބަލަހައްޓާފައި ނުވާ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ލިބުނު ފައިސާގެ ދުވަހުގެ ފޮތުގައި ރެކޯޑުކުރާއިރު އެ ފައިސާއެއް ލިބުނު ކަމަށާއި، ފައިސާ ދެއްކި ފަރާތާއި، ދެއްކި އަދަދު އެނގޭނެ ގޮތައް ނުވަތަ ބިލު ނުވަތަ ރަސީދު ނަންބަރާއެކު ލިޔެ އެ ދުވަހެއްގެ ޖުމުލަ އަދަދު އެއްކުރަންވާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އާއްމުކޮށް ފައިސާ ބަލައިގަތުމުގައި ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ބޭރުން، އަތުން ލިއެގެން ރަސީދު ހަދާ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެން ނަމަވެސް ޖުމްލަކޮށް މާލީ ހިސާބުތައް ބަލަހައްޓާފައި ވަނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް