އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ދެ ފަޅަކާއި، ހަ ރަށަކުން އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލު ކުރީ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލް ގަފޫރާ ކަމަށް އެ މައްސަލާގައި ޚިޔާނާތުގެ ދައުވާ ލިބޭ އަބްދުﷲ ޒިޔާތު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ 15 ދައުވާއެއްް މިއަދު ހެނދުނު 10:00 އަށް ތާވަލުކޮށްފައިވެ އެވެ. އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޭގެ ތެރެއިން އަށް ދައުވާއެއް އިއްވާފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަށް ދައުވާ ވަކި ވަކިން އިއްވައިފަ އެވެ. އެގޮތުން އެ އަށް ދައުވާގައި ވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތް ދެ ފަޅަކާއި ހަ ރަށެއް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ޒިޔަތު ހިޔާނަތްތެރިވެފައިވާ ކަމަށެވެ.
ޒިޔަތަށް ކުރި ދައުވާގައިވާ ރަށްތަކާއި ފަޅުތައް އަދި، އެތަންތަން ދޫކުރި އަގު:
- މާލެ އަތޮޅު ފަޅެއް (1.6 މިލިއަން ޑޮލަރަށް، ބޮޑުފަރު ބީޗް ރިސޯޓަށް)
- ވ. ވަށުގިރި (2.3 މިލިއަން ރުފިޔާ އަށް، ވަށުގިރި ޕްރައިވެޓް ލިމިޓެޑަަށް)
- އއ. މަތިވެރި ފިނޮޅު (1.5 މިލިއަން ޑޮލަރަށް، އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑަށް)
- މާލެ އަތޮޅު ފަޅެއް (1.6 މިލިއަން ޑޮލަރަށް، ރަދުން ރިސޯޓްސް އެންޑް އިންވެސްޓްމަންޓަށް)
- ރ. އުތުރުމާފަރު (38.5 މިލިއަން ރުފިޔާއަށް، ސަން ފްރޮންޓް ޕްރައިވެޓް ލިމިޓެޑަށް)
- ރ. ގެމަނަ (ތިން ލައްކަ ޑޮލަރަށް، ގެމަނަ ޕްރައިވެޓް ލިމިޓެޑަށް)
- ނ. މެދުފަރު (ތިން މިލިއަން ޑޮލަރަށް، ހިލްސައިޑް ވިލާއަށް)
- ނ. ރާފުށި (ފަސް މިލިއަން ޑޮލަރަށް، އޭސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް)
އެ ހުރިހާ ދައުވާ އަކަށް ވެސް ޒިޔަތު ވަނީ އިންކާރުކޮށްފަ އެވެ. އިންކާރު ކުރާ ސަބަބެއްގެ ގޮތުގައި ޒިޔަތުގެ ފަރާތުން އޭނާގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، އެ ޗެކްތަކާ ޒިޔަތު ހަވާލުވެ، ޓޫރިޒަމް މިނިސްޓްރީން އަންގާފައިވާ ގޮތަށް ޕްރޫފް އޮފް ޕޭމަންޓް ނުވަތަ ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުގައި އެ ޗެކްތައް ވާނީ އަދީބާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ ޗެކްތައް ހަވާލު ކުރީ އެއްވެސް ހާލަތެއްގައި ޚިޔާނާތްތެރިވުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް ދައުވާއަށް ޖަވާބުދާރީ ވަމުން ޒިޔަތުގެ ވަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން ޔާމީން ވިދާޅުވީ، އެ ޗެކްތައް އެޑްރެސްކޮށްފައި އޮންނާނީ އެމްއެމްޕީއާރުސީ އަށް ކަމަށާއި، އެ ޗެކްތަކަކީ އެމްއެމްޕީއާރުސީގެ އެކައުންޓަށް ނޫން އެހެން އެކައުންޓަކަށް ޖަމާކުރެވޭ ހާލަތުގައި ހުރި ޗެކްތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ޗެކްތަކުގައިވާ ފައިސާ ޖަމާވެފައި ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ ކޮންމެ ދައުވާއެއްގައި ވެސް ހިމެނޭ ރަށް ނުވަތަ ފަޅާ ގުޅޭ އެއްބަސްވުންތަކާއި ޗެކްތައް އަދި ޗެކް ލިބުނު ކަމުގެ ސްލިޕްތައް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ސިއްރު ހެކިން ވެސް ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވެ އެވެ.
ހެކިތަކުގެ މައްޗަށް ރިޔާއަތް ކޮށް ގާޒީ އަލީ އާދަމް ނިންމެވީ އެ ދައުވާތަކަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށެވެ. އަދި އެ މައްސަލާގައި ދައުލަތާއި ޒިޔަތުގެ ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ދެފަރާތުން ވެސް އެދުނު ފަދައިން ވަނީ 30 ދުވަހުގެ ފުރުސަތެއް ދީފަ އެވެ.
ގާޒީ ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅަ ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް ދެވަނަ ދަންފަޅީގެ އަޑުއެހުމަށް ޒިޔަތު ހާޒިރުވެފައި ވަނީ ވަކީލަކާ ނުލަ އެވެ. އެކަމާ ގާޒީ ސުވާލު ކުރުމުން ޒިޔަތު ވަނީ ވަކީލު އެހެން ޝަރީއަތަކަށް ގޮސްފައިވާ ކަމަށާއި، އެހެން ނަމަވެސް މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ނިންމެވީ އެ މައްސަލައިގެ ދެން އޮތް ބައި މިރޭ 7:00ގައި ބޭއްވުމަށެވެ.