ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން އޭނާ މި ގައުމުގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށް ބުނެފައެވެ.
އެ ޕޯސްޓުގައި ވަނީ ފެބްރީޒިއޯގެ ވީޑިއޯއެއް ވެސް ހިމަނައިފައެވެ.
އެ ވީޑިއޯގައި އޭނާ ވަނީ ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ކޮންމެ މީހަކު ވެސް އަރާމުކުރަން ތަނެއް ބޭނުންވާނެ ކަމަށާއި އެގޮތުން ބަލާއިރު ރާއްޖެއަކީ ވަރަށް ފާހަގަކުރެވޭ ގައުމެއް ކަމަށެވެ.
އޭނާވަނީ، ރާއްޖޭގެ ރީތިކަން ފެނި ހައިރާންވާކަން ފާހަގަކޮށް، މުޅި މާހައުލުން ވެސް ހިތްހަމަޖެހުން ލިބޭ ކަމަށް ބުނެފައެވެ.
ފެބްރީޒިއޯ މީގެ ކުރިން އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން ޑިސެމްބަރު 2022ގައި ޗުއްޓީއަށް ރާއްޖެ އައިސް ދިވެހި ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި އޭނާވަނީ ރާއްޖެއަކީ ވަރަށް ލޯބިވާ ގައުމެއް ކަމަށާއި ރާއްޖޭގައި ހޭދަކުރާ ވަގުތު އަބަދުވެސް ޚާއްސަ ކަމަށް ބުނެފައެވެ.
ދެހާސް ބާވީހުގައި ގްލޯބް ސޮކާ އެވޯޑްސްގައި 'ބެސްޓް ފުޓްބޯލް ޖާނަލިސްޓް'ގެ އެވޯޑް ހާސިލުކޮށްފައިވާ ފެބްރީޒިއޯއަކީ ޓްރާންސްފާ މާކެޓުގެ ޚަބަރުތައް ފަދަ މައުލޫމާތު ހިއްސާކުރާ އެންމެ އިތުބާރުހިފޭ ނޫސްވެރިންގެ ތެރެއިން އެކަކު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.