2.8 މިލިއަން ޕައުންޑަށް ކާނަލް ނަޝީދު ޔޫކޭ އިން ގެއެއް ބައްލަވައިގެންފި

ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް): އޭނާ ވަނީ ޔޫކޭ ިއން ގެއެއް ބައްލަވައިގަންފައި-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު(ކާނަލް) 2.8 މިލިއަން ޕައުންޑަށް އިނގިރޭސި ވިލާތުން ގެއެއް ބައްލަވައިގަނެފި އެވެ.

ނަޝީދު މިއަދު 'ސަން' އަށް ވިދާޅުވީ އިނގިރޭސި ވިލާތުގެ ވެސްޓް ލަންޑަން އިން ގެއެއް ބައްލަވައިގަތީ މިދިޔަ ހަފްތާގައި ކަމަށާއި އެ ގޭގެ އަގު ގާތްގަނޑަކަށް 2.8 މިލިއަން ޕައުންޑަށް(57 މިލިއަން ރުފިޔާ) އަރާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭނާ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީ ކުރަމުން އަންނަ މީހެއް ކަމަށާއި އިނގިރޭސި ވިލާތުން ގަތް ގެ އަކީ ވެސް އެ ވިޔަފަރީން ލިބުނު އާމްދަނީން ގަނެފައިވާ ގެއެއް ކަމަށެވެ.

"އަޅުގަނޑު ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރީ ކުރާތާ މިއީ ފަސް ވަނަ އަހަރު އަދި އެ ދާއިރާއަށް އަޅުގަނޑު ވަތްތާ މިއީ 11 ވަނަ އަހަރު،" ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ނަޝީދު ވިދާޅުވި އެވެ.

ކުރީގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ އޭނާ އަކީ މަޖިލީހުގައި އުޅުނުއިރު ވެސް ގަވާއިދުން މާލީ ބަޔާން ހުށަހަޅުއްވާ ބޭފުޅެއް ކަމަށާއި އޭނާގެ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއްވެސް ކަހަލަ އޮޅުވާލުމެއް ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑަށް ވެސް ގާނޫނު އަސާސީން ލިބިދޭ ހައްގެއް އެއީ އެކި ގައުމުތަކަށް ގޮސްގެން ވިޔަފާރީ ކުރުން. އަޅުގަނޑު ބޭނުންވަނީ ޑައިވާސިފައި ކޮށްގެން އެކި ގައުމު ގައުމުގައި އެކި ކަހަލަ ދާއިރާތަކަށް އިންވެސްޓް ކުރަން،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް