ރާއްޖެ އާއި ޖަޕާނުގެ 50 އަހަރުގެ ގުޅުމަށް ސްޓޭމްޕްސެޓެއް ނެރެފި

ރާއްޖެ-ޖަޕާން ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ތައްޔާރު ކުރި ސްޓޭމްޕް ސެޓް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ޖަޕާނު ސަފީރު އެންޑޯ ކަޒޫމީ އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަފީގު ދައްކަވައިލައްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ އާއި ޖަޕާނާ މެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މިއަދު ސްޓޭޕް ސެޓެއް ނެރެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓޭޕްސެޓް ނެރެދެއްވާފައި ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޓޭމްޕްސެޓް ފަރުމާކޮށްފައި ވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރި ފަހުން ވޭތުވެ ދިޔަ 50 އަހަރު ތެރޭ ރާއްޖޭގެ ތަރައްގީގެ އެކި މަރުހަލާތަކުގައި ޖަޕާނުން ރާއްޖެ އަށް ދެމުން ގެންގޮސްފައިވާ އެހީތަކުގެ މައްޗަށް ކަމަށެވެ.

"ސްޓޭމްޕްސެޓް ނެރުމުގެ ޝަރަފު އަޅުގަނޑަށް ލިބުމަކީ ބޮޑު ފަހުރެއް. މި ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް. ދެ ގައުމުގެ ގުޅުމުން ދައްކުވައި ދެނީ ވަރުގަދަ ރޫހެއް. ޖަޕާނަކީ ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކުގައި ވެސް އަދި ތަރައްގީ އަށް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ވެސް ދީލަތި އެހީތެރިކަން ފޯރުކޮށްދޭ ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ސްޓޭމްޕްސެޓްގައި ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި ހިނގާފައިވާ މުހިއްމު ކަންތައްތައް ދައްކުވައިދޭ ފޮޓޯތައް އެ ސެޓްގައި ހިމަނާފައިވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޖަޕާނު ސަފީރު އެންޑޯ ކަޒޫމީއާއި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ބައިވެރިވަޑައިގެންނެވި އެވެ.

ސްޓޭމްޕް ހިމެނޭ އެ ސެޓްގައިވާ ކޮންމެ ސްޓޭމްޕެއްގެ އަގަކީ 15 ރުފިޔާ އެވެ.

ސްޓޭމްޕްސެޓް ކަވަރު ފަރުމާކޮށްފައި ވަނީ ދެ ގައުމުގައި ވެސް ގުދުރަތީ ގޮތުން މަޝްހޫރުވެފައިވާ ތަންތަން ހިމަނައިގެން ކަމަށް އެ މޯލްޑިވްސް ޕޯސްޓް ލިމިޑެޓް އިން ބުންޏެވެ.

ރާއްޖެ އާއި ޖާޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 1967 ވަނަ އަހަރު އެވެ.

comment ކޮމެންޓް