ރާއްޖޭގައި ސިމެންތި ބަންދުކޮށް، ވިއްކަމުން އަންނަ ލަފާޖް މޯލްޑިވްސް ކުންފުނީގެ އެއްވެސް މުވައްޒަފަކަށް އަދި އެ ކުންފުނިން ހިދުމަތް ހޯދަން އައި އެއްވެސް ފަރާތަކަށް ވެސް އަނިޔާއެއް ނުލިބި ކުރިއަށްދާތާ އަށް އަހަރުފުރުން އެ ކުންފުނިން ފާހަގަ ކޮށްފިއެވެ.
އެކަން ފާހަގަކޮށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޗެއާޕާސަން ފާތިމަތު އާޝާން ވިދާޅުވީ، ލަފާޖް މޯލްޑިވްސް އުފެއްދިތާ 18 އަހަރު ވެފައިވާއިރު އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ކޮލިޓީ އުފެއްދުން އާންމުނަނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ހަމައެއާއެކު ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތީ ކަންކަން އޭގެ އެންމެ ރަނގަޅުގޮތުގައި ބެލެހެއްޓުން ކަމަށްވެސް އާޝާން ވިދާޅުވިއެވެ.
އާޝާން ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފަކަށް އަދި އެ ކުންފުންނީގެ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެއްވެސް އަނިޔާއެއް ނުވާތާ އަށް އަހަރު ވުމަކީ އެ ކުންފުންޏަށް ލިބިފައިވާ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެސްޓީއޯއާއި މަސީ އާއެކު މަޝްވަރާކޮށް އަހަރަކު އެއްފަހަރު ނަމަވެސް މަސައްކަތުގެ މާހައުލުގެ ސަލާމަތީ ކަންކަމާބެހޭ ގޮތުން ހޭލުނތެރި ކުރުވުމުގެ ޕްރޮގުރާމެއް ހިންގަން މަސައްކަތް ކުރާކަމަށް އާޝާން ވިދާޅުވިއެވެ.
"އަނިޔާ"އަކާ ނުލާއި އަށް އަހަރު ލަފާޖް މޯލްޑިވްސްއިން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާ ޕާސާން އާޝާން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަފާޖް ކޮންޕެނީގެ ވައިސް ޕްރެޒިޑެންޓް ސްޓެފަން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތުގެ މާހައުލުގައި ހިންގާ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. އަދި ކުންފުނީގައި ގެންގުޅޭ މެޝިނަރީތަކާއި ވަސީލަތް ތަކަކީ ބޭނުން ކުރަން ރަނގަޅު ފެންވަރުގައި ހުރި އެއްޗެހިތޯ ބަލައި ބާވެ ހަލާކުވަމުންދާ ތަކެތި ގަވާއިދުގެމަތިން ބަދަލު ކުރަމުންދާކަމަށް ސްޓެފަން ވިދާޅުވިއެވެ.
ސްޓެފަން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަހުލާގުވެސް މަސައްކަތުގެ މާހައުލާ އެއްގޮތަށް ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ލަފާޖް ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް އެ މީހުންގެ އަހުލާގު ވަކި ގޮތަކަށް ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ބައެއްކަމަށްވެސް ސްޓެފަން ވިދާޅުވިއެވެ.
"އަނިޔާ"އަކާ ނުލާއި އަށް އަހަރު ލަފާޖް މޯލްޑިވްސްއިން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ލަފާޖްގެ ވައިސް ޕްރެޒިޑެންޓް ސްޓެފަން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރޭގެ ރަސްމިއްޔާތުގައި އެކުންފުންޏަށް ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުންދީފައެވެ. އެ މުވައްޒަފުންނަށް ހަނދާނީ ލިޔުންދެއްވީ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ރަޝީދެވެ.