މިދިޔަ މަހު ދައުލަތަށް 983.5 މިލިއަން ރުފިޔާ ލިބިއްޖެ

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ހުސްވި އޮކްޓޫބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް 983.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން މިއަދު އާންމުކުރި މާލީބަޔާނުގައިވާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނު 983.5 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މީރާއިން ދައުލަތަށް ލިބުނު އާމްދަނިއާ އަޅާބަލާ އިރު 10.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ މަހުގައި މީރާއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

އޭގެ މައިގަނޑު ސަބަބަބެއް ގޮތުގައި މީރާއިން ފާހަގަ ކޮށްފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި މި އަހަރުގެ ހަތަރު ވަނަ ކުއާޓާ އޮކްޓޫބަރު މަހާ ދިމާވުމެވެ.

މީރާގެ މާލިބާޔާނުން ހާމަ ކުރާ ގޮތުގައި ވޭތުވެ ދިޔަ މަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އިންނެވެ. އެއީ އޮކްޓޫބަރު މަހު ލިބުނު ޖުމުލަ އާމްދަނީގެ 54.9 ޕަސެންޓް ނުވަތަ 539.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓެވެ. އެއީ އާމްދަނީގެ 13.1 ޕަސެންޓު ނުވަތަ 128.5 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 78.5 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 53.9 މިލިއަން ރުފިޔާ، އެއަރޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 45.5 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 137.6 މިލިއަން ރުފިޔާ މީރާއިން ދައުލަތަށް ދައްކާފައިވާ ކަމަށް މީރާ އިން ބުންޏެވެ.

އޮކްޓޯބަރު މަހު މީރާއަށް ލިބުނު އަދަދާ އެކު މި އަހަރުގެ މިހާތަނަށް މީރާއިން ދައުލަތަށް ދެއްކި ޖުމްލަ އާމްދަނީ ވަނީ 12.89 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 38.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް