ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯން ބީސީ އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯނުން ހޯދީ ރޭ ކުޅުނު މެޗުގައި ޖިބިލީ އެސްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭ ކުޅުނު އެ މެޗުގައި ޖިބިލީގެ މައްޗަށް ސައިކްލޯނުން ކުރި ހޯދާފައި ވަނީ 70-38 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސައިކްލޯނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ނަތާސާ މިޖަޓޮވިޗް އެވެ. އޭނާ އެ ޓީމަށް 26 ޕޮއިންޓް ހޯދައިދިނެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޖިބިލީގެ އާމިނަތު ޝިއުރާ އާއި، އެ ޓީމުގެ މަރިޖާ ރަޑޮވިޗް އާއި، ސައިކްލޯންގެ ފާތިމަތު ރިޝްމާ އާއި، އެ ޓީމުގެ ނަތާސާ މިޖަޓޮވިޗް އަދި ހަމަ އެ ޓީމުގެ ރާއިފާ އިބްރާހީމެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްވިންގްސް ބީސީގެ ޖެލޭނާ ބުޑްމިއާ އެވެ.
ލީގުގެ ފިރިހެން ޑިވިޝަންގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކިންގްސް ބީސީ އެވެ. އެއީ ކިންގްސް ބީސީން ފިރިހެން ޑިވިޝަންގެ ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.