އަންނަ އަހަރު ރަޝިއާގައި ކުޅޭ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކޮސްޓަރިކާއާ ދެކޮޅަށް ރޭ ސްޕެއިން ކުޅުނު މެޗުގައި އިސްކޯ އަށް އަނިޔާވެ ރެއާލް މެޑްރިޑް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.
މިހާރުވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ރެއާލް މެޑްރިޑުގެ އަނިޔާގެ ލިސްޓަށް އިސްކޯ އިތުރުވެފައިވާއިރު، ރެއާލްއަށް ކުރިމަތީގައި އޮތީ ވާދަވެރި އަދި އެހާމެ މުހިންމު ވަރުގަދަ ކުރިމަތި ލުމެކެވެ. އެއީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލީގުގައި ކުޅޭ މެޗެވެ.
އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް ނުކުންނައިރު، އިސްކޯގެ އިތުރުން ގެރެތު ބޭލް އަދި ވެރާން އާއި ކަވަހާލްއަށް ވެސް ވަނީ އަނިޔާގެ މައްސަލަކުރިމަތިވެފަ އެވެ. އެގޮތުން ބޭލް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މިއަހަރު އެއްވެސް މެޗެއް ނުކުޅެވޭއިރު، އިސްކޯގެ އަނިޔާގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިސްކޯގެ އަނިޔާއާ ބެހޭ ގޮތުން އިތުރު އެއްޗެއް ބުނަން އެނގޭނީ، މިއަދު ހަދާ ޓެސްޓްތަކަށް ފަހުއެވެ. އިސްކޯ އަށް އަނިޔާވީ މެޗުގެ ދެ ވަނަ ހާފުގައި ކޮސްޓަރިކާގެ ކެންޑަލް ވަސްޓޮން އިސްކޯއަށް ކުރި ޓެކްލްއެއްގެ ސަބަބުންނެވެ.
ސްޕެއިންގައި ރޭ ކުޅުނު އެ މެޗު ސްޕެއިން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއިންނެވެ. ސްޕެއިންގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާ އާއި ޖޯޑީ އަލްބާ އަދި އަލްވާރޯ މޮރާޓާގެ އިތުރުން އަންދުރޭ އިނިއެސްޓާއެވެ.