ޓީރެކްސް ބަލިކޮށް، ކިންގްސް ބީސީން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަން ކިންގްސް ބީސީ: މިއީ ކިންގްސް ބީސީން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރު --- ފޮޓޯ/ ކިންގްސް ބީސީ

އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބީސީ ބަލިކޮށް، ކިންގްސް ބީސީން ފުރަތަމަ ފަހަރަށް ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކިންގްސް ބީސީން ހޯދީ ލީގުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ.

ކިންގްސް ބީސީ ރޭ ކުޅުނު މެޗުގައި ޓީރެކްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 78-71 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިންގްސް ބީސީ އަށް 22 ޕޮއިންޓް ހޯދައިދިން ނިކޯލާ ވޮރޮވިޗް އެވެ.

ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރެޕްޓާސް ބީސީގެ މިލޮރަޑް ޑަމްޔަނަޗް އާއި، ދަ ބައުސްގެ އަބްދުﷲ އަމްޒަރާއި، ޓީރެކްސްގެ ޑުސަން އޮގަންޔެނޮވިޗް އާއި، ކިންގްސް ބީސީގެ މުހައްމަދު ޒިލާލް އަދި އެ ޓީމުގެ އަހްމަދު ފިރާޝް އެވެ. ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިންގްސް ބީސީގެ އިބްރާހީމް ރަޝްވާނެވެ.

comment ކޮމެންޓް