ދިވެހިރާއްޖޭގައި ބާއްވާ ހަމައެކަނި އެނުއަލް މެޑިކަލް އެގްޒިބިޝަން "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2017" މި ދިޔަ ބުރާސްފަތި ދުވަހު ފަށައި އިއްޔަގެ ނިޔަލަށް އާޓް ގެލަރީގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެން ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި، ރާއްޖެއާއި ރާއްޖޭން ބެރުގެ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ވަނީ ސިއްހީ ދާއިރާއާބެހޭ ގިނަ މައުލޫމާތުތަކެއް އާންމުންނާ ހިއްސާ ކޮށްފައެވެ.
މޯލްޑިވް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ ބައިވެރީން
- ބެންކޮކް ހޮސްޕިޓަލް
- ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)
- ޕްރަޝާންތް އިންފަޓިލިޓީ ހޮސްޕިޓަލް
- މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކް
- ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)
- މިނިސްޓްރީ އޮފް ހެލްތް
- މޯލްޑިވްސް ރެޑް ކްރަސެންޓް
- އެން.ޔޫ ހޮސްޕިޓަލް
- ގަންގާ ހޮސްޕިޓަލް
- ޗެންނާއީ ޕްލާސްޓިކް ސާޖަރީ
- ދަ ކްލިނިކް
- އޮމްނިކްރިސް
- އެލީޒާ މެޑިކަލް ސެންޓަރ
- ފިޒިއޯ ކްލިނިކް
- ދަކްލިނިކް
- އިމޭޖް ސެންޓަރ
އެމްވީ މެޑިކަލްސްގެ މެނޭޖަރ މާކެޓިން އެންޑް ޕްބްލިކް ރިލޭޝަން ޢަބްދުލް ޖަލީލް ޙުސެއިން ވިދާޅުވީ، ހެލްތް އެކްސްޕޯ ރޭ ނިންމާލައިފަވާއިރު 2400 އަށްވުރެ ގިނަ މީހުން އެ އެކްސްޕޯއަސް ޒިޔާރަތް ކުރިކަމަށެވެ.
މި އަހަރުގެ ހެލްތް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން އެކި ސެޝަންތަކަށް ބަހާލައިގެންވަނީ އާންމުންނަށް ހޭލުންތެރިކުރުމުގެ ސެޝަން ތަކެއް ކުރިއަށްގެންގޮސްފައެވެ. ކަމާބެހޭ މާހިރުން ކުރިއަށްގެންދިޔަ އެ ސެޝަންތަށް ވެގެންދިޔައީ އާންމުނަށް އެތަށް މައުލޫމާތުތަކެއް ލިބިގެންދިޔަ ސެޝަން ތަކަކަށެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ، ރާއްޖޭގެ އެންޖީއޯތަކުންވެސް މިފަހަރުގެ އެކްސްޕޯގައި ވަނީ ބައިވެރި ވެފައެވެ. އަދި އެ އެކްސްޕޯއަށް ޒިޔާރަތް ކޮށް ހޮސްޕިޓަލް ތަކުން ހެދެން ހުންނަ ބައެއް ކުދިކުދި ޓެސްޓްތަށް ހެދުމުގެ ހިދުމަތްވެސް ވަނީ އާންމުންނަށް ދީފައެވެ.
ޖަލީލް ވިދާޅުވީ، މިއަހަރުގެ ހެލްތް އެކްސްޕޯއަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އަދި އެކްސްޕޯގެ ސަބަބުން ލިބިގެންދިޔަ މައުލޫމާތުތަކަށް ގިނަ ފަރާތްތަކަކުން ހިތްހަމަޖެހުން ފާޅުކޮށްފައިވާ ކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ ފުރިހަމަ މައުލޫމާތު ލިބިފައި ނެތުމުން، ރާއްޖެއިން ސިއްހީ ފަރުވާ ލިބެން ހުރި ކުދިކުދި ކަންކަމުގައިވެސް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަމަށްދާ ދިވެހިން އުޅޭކަން ފާހަގަކުރައްވައި ޖަލީލް ވިދާޅުވީ، އެ އެކްސްޕޯގެ މަގުސަދަކީ އެފަދަ މުހިންމު މައުލޫމާތުތައް އާންމުނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކްސްޕޯ ނިމިގެންދިޔައިރު އެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލް ވެފައިވާކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.
އެކްސްޕޯ ފެށިގެން ކުރިއަށްދިޔައިރު ޒިޔާރަތް ކުރި ފަރާތްތަކަށް އެކްސްޕޯގެ ބައިވެރިންވަނީ ރަނގަޅު ހަދިޔާ ތަކެއް ދޫ ކޮށްފައެވެ. އެގޮތުން މާސްޓަރ ޑެންޓަލް ކެއާއިން އެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް މާލޭގައި ހުންނަ އެ ކްލިނިކަށް ދައްކަން އަންނަ ފަރާތްތަކަށް ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު އަދި ހުޅުމާލޭގައި ހުންނަ އެ ކްލިނިކްގެ ބްރާންޗުން ކޮންސަލްޓޭޝަން ފީގެ 50 އިންސައްތަ ޑިސްކައުންޓް ލިބޭ ކާޑެއް ވަނީ ދޫކޮށްފައެވެ.
އޭގެ އިތުރުން އެކްސްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ކޮންމެ ރެއަކު ނަގާ ގުރުއަތުން ހޮވޭ ދެ ނަސީބުވެރިޔަކަށްވަނީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ތިން މަސްދުވަހުގެ ހިލޭ މެންބާޝިޕް ދީފައެވެ. އަދި އުރީދޫއިންވަނީ ވައިފައި މޮޑެމް އެއް ދީފައެވެ.
އެމްވީ މެޑިކަލްސްއިން ވަނީ، ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީއާއެކު އަންނަ އަހަރުވެސް އިތުރު ފުރިހަމަކަމާއެކީ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ" ބާއްވާނެކަން އިއުލާނު ކޮށްފައެވެ.