ދަތުރުމަތީގައި ބޯއެނބުރުމާއި މޭނުބައިކުރުން: ސަމާލުވާންވީ ކޮން ކަންކަމަކަށް؟

ވެހިކަލްތަކުގައި ދަތުރުކުރާއިރު ބޯއެނބުރުމާއި މޭނުބައިކުރުމަކީ ހަމައެކަނި ދަތުރުފަތުރުގެ ހަރަކާތްތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށް ސިއްޙީ މާހިރުން ވިދާޅުވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ވެހިކަލްތަކުގައި ދަތުރުކުރާއިރު ބޯއެނބުރުމާއި މޭނުބައިކުރުމަކީ ގިނަ ބަޔަކު ތަހައްމަލުކުރާ، އާންމުކޮށް 'ކާރު ބަލި' ނުވަތަ މޯޝަން ސިކްނެސްގެ ގޮތުގައި ފާހަގަކުރެވޭ އުނދަގުލެކެވެ.

ނަމަވެސް މިއީ ހަމައެކަނި ދަތުރުފަތުރުގެ ހަރަކާތްތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، ބަނޑުހައިވެފައި ހުރުމާއި، ހަށިގަނޑުން ފެން މަދުވުމުގެ އިތުރުން ނިދި މަދުވުމާއި، ގަދަ ހޫނާއި، ވެހިކަލްގެ ތެރޭގައި ހުންނަ ކެމިކަލް ވަސްތަކަކީ ވެސް މިފަދަ ހާލަތްތައް މެދުވެރިކުރުވާ މައިގަނޑު ސަބަބުތަކެއް ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ގެސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. މަނީޝް ދޮދްމަނީ ވިދާޅުވި ގޮތުގައި، ދަތުރުމަތީގައި ދިމާވާ މިފަދަ އުނދަގޫތަކުގެ މައިގަނޑު ސިއްރަކީ ވެހިކަލް ތެރޭގައި އެކަށީގެންވާ ވަރަށް ވައި ދައުރުނުވުމުގެ ސަބަބުން، ތަފާތު ސޮލްވެންޓްތަކުން އަރާ ކެމިކަލް ވަސްތައް ޖަމާވުމެވެ. މިގޮތުން ބޮލުގައި ރިއްސުމާއި، ބޯއެނބުރުމާއި، ވިސްނުން ކޮށިވުމުގެ އިތުރުން އާދަޔާ ޚިލާފަށް ނިދިބަރުވުމަކީ ހަށިގަނޑަށް މިފަދަ ނޭދެވޭ އަސަރުތައް ކުރަން ފަށާފައިވާކަމުގެ ސާފު ހެކިތަކެކެވެ. އެހެންކަމުން ސާފުކުރަން ގެންގުޅޭ ކެމިކަލް ފަދަ ތަކެތި ވެހިކަލް ތެރޭގައި ރައްކާކޮށްފައި ބެހެއްޓުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދަތުރުކުރަމުން ދަނިކޮށް ބޯއެނބުރުމާއި، ނިދިބަރުވުން ނުވަތަ ހަށިގަނޑު ކޮންޓްރޯލް ނުވުން ފަދަ އިހުސާސެއް ކުރެވިއްޖެނަމަ، ވަގުތުން ރައްކާތެރި ތަނަކަށް ވެހިކަލް މަޑުކޮށް، ސާފު ވަޔަށް ނުކުތުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ވިހަ މާއްދާތަކާއި ކެމިކަލް ވަސްތަކަށް ހަށިގަނޑު ހުށަހެޅުމުން އެކި މީހުންގެ ހަށިގަނޑު އިޖާބަދެނީ އެކި މިންވަރަށެވެ. އެގޮތުން ބައެއް މާއްދާތަކުގެ ސަބަބުން ލޮލާއި ނޭވާލާ ނިޒާމަށް އުނދަގޫތައް ކުރިމަތިވާއިރު، އަނެއްބައި ކެމިކަލްތަކުން ސީދާ ނާރުތަކުގެ ނިޒާމަށް އަސަރުކޮށް ބޯއެނބުރުމާއި ވާނުވާ ނޭނގޭ ހާލަތަށް މީހާ ވައްޓާލައެވެ. މީގެއިތުރުން ދިގުމުއްދަތަކަށް ނުވަތަ ގަދައަށް މިފަދަ މާއްދާތަކަށް ހުށަހެޅިއްޖެނަމަ، ފުރަމެ އާއި ކިޑްނީ ފަދަ މުހިންމު ގުނަވަންތަކަށް ދާއިމީ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ކާރު ތެރޭގައި ތިނަރު ފުޅި އާއި، ލީކުވާ ތެޔޮ ފުޅި އަދި އެކި ބާވަތުގެ ސްޕްރޭ ބެހެއްޓުމުގައި އިންތިހާއަށް ސަމާލުވާންޖެހެނީ، މިއީ ހަމައެކަނި ކަރުހިއްކުމާއި ނުކައި ހުރުމުން ކުރިމަތިވާ ކަމެއް ނޫންކަން ކަށަވަރުވާތީއެވެ.

ދަތުރުކުރަމުން ދަނިކޮށް މިފަދަ އުނދަގުލެއް ކުއްލިއަކަށް ކުރިމަތިވެއްޖެނަމަ، އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ޚާއްސަކޮށް ވެހިކަލް ދުއްވަން އިންނަ މީހާއަށް ބޯއެނބުރުމާއި، ނިދިބަރުވުން ނުވަތަ ހަށިގަނޑު ކޮންޓްރޯލް ނުވުން ފަދަ އިހުސާސެއް ކުރެވިއްޖެނަމަ، ދުއްވުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ވަގުތުން ރައްކާތެރި ތަނަކަށް ވެހިކަލް މަޑުކޮށް، ސާފު ވަޔަށް ނުކުތުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މިފަދަ ހާލަތެއްގައި ފަރުވާކުޑަކޮށް ދުއްވަން މަސައްކަތް ކުރުމަކީ ބޮޑު ނުރައްކަލަކަށް މަގުފަހިވާނެ ކަމެކެވެ.

ޑރ. ދޮދްމަނީ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި އުނދަގޫތައް މާ ބޮޑަށް ގޯސްވެ، ގިނައިރު ވަންދެން ދެމިހުންނަނަމަ ނުވަތަ ހޭނެތުމާއި، ނޭވާލާން އުނދަގޫވުން ފަދަ ނުރައްކާތެރި އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އަވަސް ފަރުވާ ހޯދަންވާނެއެވެ. އެހެންކަމުން ދަތުރުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެހިކަލް ތެރޭގައި ގެންގުޅޭ އެކި ބާވަތުގެ ސްޕްރޭތަކާއި ކެމިކަލް އެކުލެވޭ ތަކެތީގެ މަތި ރަނގަޅަށް ބަންދުކުރެވިފައި ހުރިތޯ އަބަދުވެސް ބަލައި ޗެކްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

comment ކޮމެންޓް