ހިމަބިހީގެ ކޭސްއެއް ނުފެނި ހަފުތާއަކަށް ފަހު، އިތުރު ތިން މީހަކު މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި، ހަފުތާއެއް ވަންދެން މީހަކަށް ހިމަބިހި ޖެހިފައެއް ނުވެއެވެ.
އެކަމަކު، މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެ ބަލި ވަނީ، އިތުރު ތިން މީހަކަށް ޖެހިފައެވެ. އެއާއެކު، މި އަހަރުގެ މިހާތަނަށް މި ވަނީ، ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު 290އަށް އަރާފައެވެ.
މި ބަލިން ރައްކާތެރިކުރުމަށް ވެކްސިން ޖެހުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 17،256 މީހުންނަށް ވަނީ މީސަލްސް ވެކްސިން ޖަހާފައެވެ.
ހިމަބިހި ޖެހިފައިވާ ކުޑަކުއްޖެއް --- ފޮޓޯ: ގޫގުލް، ޕީޕަލް ޑޮޓް ކޮމް ރާއްޖޭގައި ހިމަބިހި ނައްތައިލައިފައިވަނިކޮށް، އަލުން ފެތުރެން ފެށީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކޮށްދޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.
ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.