ރިޔާސީ އަދި މަޖިލިސް އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރަން އަދާލަތުން ނިންމައިފި

އަދާލަތު ޕާޓިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރުމަށް އަދާލަތް ޕާޓީ އިން ނިންމައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ޖެހިގެން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކާ އެކު އެއްބަސްވެވޭ ޝަރުތުތަކާއެކު ކުރިއަށްދާން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.

އަދާލަތު ޕާޓީ އިން ބުނީ ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ވަދެ ރައްޔިތުންގެ މަޖިލީހުގެ ހިންގުން ހުއްޓުވާލައި މިނިވަން މުއައްސަސާތަކުގެ ގާނޫނީ ހައިސިއްޔަތު މި ސަރުކާރުން ކަނޑައިލާފައިވާ ކަމަށެވެ. އެހެންކަމުން ގައުމަށް ދިމާވެފައިވާ މުސީބާތުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކޯލިޝަން ސަރުކާރަކާ އެކު ކުރިއަށްދާން ނިންމީކަމަށް އެޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ގެނައުމަށްޓަކައި ވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޕާޓީން ބުނީ ސަރުކާރާއެކު ތަކުރާރުކޮށް ވާހަކަދައްކައިގެން ވެސް ކަންކަން ހައްލުނުވުމުން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިޔައީ ކަމަށެވެ.

comment ކޮމެންޓް