ބުރިޖަށް ކިޔާނެ ދިވެހި ނަމެއް ހޯދަން އިއުލާންކޮށްފި

ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބްރިޖަށް ކިޔާނެ ދިވެހި ނަމެއް ހޯދަން ވަނީ އިއުލާން ކޮށްފައި- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުލެ އާއި މާލެއާ ދެމެދު އަޅަމުންދާ "މޯލްޑިވްސް - ޗައިނާ ފްރެންޑްޝިޕް ބުރިޖް" އަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

ދިވެހި ބަހުގެ އެކެޑެމީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބުރިޖަށް ކިޔާނެ ނަމެއް ހޯދުމުގައި ސަމާލުކަން ދޭންވީ ކަމަކީ އެ ނަމަކީ ރާއްޖެ އާއި ޗައިނާ ރަމްޒުކޮށްދޭ ނަމަކަށް ވުމާއި ދުލަށް ފަސޭހަ ނަމަކަށް ވުމާއި ގިނަވެގެން ނުވަ އަކުރަށް ވުރެ ދިގު ނަމަކަށް ނުވުމާއި އަދި ރަނގަޅު މާނައެއް ދޭހަވާ ނަމަކަށް ވުން ކަމަށެވެ.

ދިވެހި ބަހުގެ އެކަޑަމީ އިން ބުނީ ނަން ހުށަހަޅާ ކޮންމެ ބައިވެރިއަކަށް ގިނަވެގެން ތިން ނަން ހުށަހެޅިދާނެ ކަމަށެވެ. އަދި އެންމެ ރަނގަޅު ނަމެއް ހުށަހަޅާ ފަރާތަކަށް ދިވެހިބަހުގެ އެކެޑަމީ އިން ހާއްސަ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަންތައް ހުށަހަޅާނީ އެކަމަށް ހާއްސަ ފޯމު ފުރިހަމަ ކުރުމަށް ފަހު އެ ފޯމާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއާ އެކު މި މަހުގެ 16 ވަނަ ދުވަހުގެ 13:30ގެ ކުރިން ކަމަށް އެ އެކަޑަމީ އިން ބުންޏެވެ.

އެ ފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމު ފޮނުވާނީ އެ އެކަޑަމީގެ ވެބްސައިޓް [email protected] އަށެވެ.

އަދި ފޯމު ދިވެހި ބަހުގެ އެކަޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެ އެކަޑަމީ އިން ބުންޏެވެ.

comment ކޮމެންޓް