ސެމީގައި ތިމަރަފުއްޓާއި ހެންވޭރު އަދި ސ. ފޭދޫ އާއި މ. މަޑުއްވަރީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50 ޓީމު ބައިވެރިވެފައިވެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި، ސ. ފޭދޫ، ހެންވޭރު، އަދި މ. މަޑުއްވަރީ ދަތުރުކޮށްފި އެވެ.

މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ރޭ ކުޅެފައިވާ އިރު، ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ސ. ފޭދޫ އާއި ބ. ތުޅާދޫ އެވެ. މި މެޗު 4-5ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ފޭދޫ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފާ ވަނީ ފޭދޫ ޓީމުގެ ލިރުއާމް އެވެ.

ކުއާޓާގެ ދެވަނަ މެޗުގައި ފ. ނިލަންދޫ އާއި މ. މަޑުއްވަރީ ބައްދަލު ކުރި މެޗު 3-1ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ސެމީ އިން ޖާގަ ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މަޑުއްވަރީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެ ޓީމުގެ ނާޝިދު އެވެ.

ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ބައްދަލު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ކ. އަތޮޅު ޗެމްޕިއަން ގާފަރެވެ. މި މެޗު 3-1 އިން ކާމިޔާބު ކުރީ ތިމަރަފުއްޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ތިމަރަފުށީ ޓީމަށް ދެ ލަނޑު ޖަހައިދިން އާދަމް ނާސިހު އެވެ.

ކުއާޓާގެ ފަހު މެޗުގައި ހެންވޭރާއި ގއ. ނިލަންދޫ ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 8-9ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ސެމީ އިން ޖާގަ ހޯދީ ހެންވޭރެވެ. މި މެޗު މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހެންވޭރު ޓީމަށް ދެ ލަނޑު ޖަހައިދިން ރިހާމް އެވެ.

ސެމީ ފައިނަލުގެ މެޗުތައް މާދަމާ ރޭ ކުޅޭއިރު، 20:00ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސ. ފޭދޫ އާއި މ. މަޑުއްވަރީ އެވެ. އަދި 21:00ގައި ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗުގައި ތިމަރަފުށި ނިކުންނާނީ ހެންވޭރާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގަ އެވެ.

މި އަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށްދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މި އަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މި އަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.

comment ކޮމެންޓް